
މި އެމްއޯޔޫތަކުގައި ސޮއި ކޮށްފައިވަނީ ބެއިޖިންގެ ވެންފުއިޖިން ހިލްޓަން ހޮޓަލްގައި ބޭއްވުނު ރަސްމިއްޔާތެއްގެ ތެރެއިންނެވެ.
މި ރަސްމީޔާތުގައި ރައީސް ޑރ. މުއިއްޒުގެ އިތުރުން ކެބިނެޓްގެ މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.
މި ރަސްމިއްޔާތުގައި، ރާއްޖެއާއި ޗައިނާއާއި ދެމެދު އެކިދާއިރާތަކުން ގުޅުންބަދަހިކުރުމުގެ މަގްސަދުގައި މުހިންމު އެގާރަ އެމްއޯޔޫއެއްގައި ވަނީ ސޮއިކުރައްވާފަ އެވެ. އޭގެ ތެރޭގައި އިގްތިސާދީ ތަރައްގީ، އުމުރާނީތަރައްގީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެގައުމުން އެއްބާރުލުން އިތުރުކުރުމާގުޅޭ ފަހުމުނާމާތައް ހިމެނެ އެވެ.
އޭގެ ތެރޭގައި ފިޝަރީޒް އެންޑް މެރިޓައިމް ލޮޖިސްޓިކް ހަބެއް އައްޑޫގައި ގާއިމުކުރުމާއި ނޭޝަނަލް ސްކިލް ޑިވެލޮޕްޓްމަންޓް އޮތޯރިޓީއާ އެކު ހަދާފައިވާ އެއްބަސްވުމެއް ވެސް ހިމެނެ އެވެ.
މި ފަހުމުނާމާތަކަކީ ކުރިއަށް އޮތް ތަނުގައި ދެގައުމުގެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމާއެކު، ދެމެހެއްޓެނިވި ތަރައްގީ އަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ، ރައީސް ޝީ ޖިންޕިންގ ގެ ދައުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ރައީސްގެ މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އިތުރުން، އެހެނިހެން ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.