
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީއެއް ދެމި އޮތުމަށް ގާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް މެންބަރުން ހަމަވެފައި ނުވާތީ މިއަދުން ފެށިގެން އެމްޓީޑީ އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ.
އެމްޓީޑީ އުވާލަން ނިންމާ އެކަން އީސީ އިން މިދިޔަ މަހުގެ 26 ވަނަ ދުވަހު އިއުލާނުކުރި އެވެ. އަދި އެމްޓީޑީ އިން ދައްކަންޖެހޭ ދަރަންޏެއްވާނަމަ އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް އެކަން އެޕާޓީއަށް ހުށަހަޅައި ނިންމުމަށްވެސް އީސީގެ އިއުލާނުގައި އެދިފައިވެ އެވެ.
މީގެ ކުރިން 2022ގައި ވެސް މެމްބަރުންގެ އަދަދު ހަމަނުވެގެން އިލެކްޝަންސްއިން އެމްޓީޑީއަށް ނޯޓިސް ފޮނުވި އެވެ. ނަމަވެސް އެފަހަރު، ގާނޫނުގައި ބުނާ މެމްބަރުންގެ އަދަދު އެމްޓީޑީން ހަމަކުރި އެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއް އޮތް ކުރީގެ ނައިބު ރައީސް އަދީބު އިސްކޮށް ހުރެ އުފެއްދި އެމްޓީޑީ މީގެކުރިން ބައެއް ސިޔާސީ ހަރަކާތްތައް ހިންގި ނަމަވެސް، މި ފަހުން އެ ޕާޓީގެ އެއްވެސް ހަރަކާތެއް ނެތެވެ.
އެމްޓީޑީ އުވާލަން އީސީ އިން ނިންމުމުން އެކަން ކުށްވެރިކޮށް އެމްޓީޑީ އިން މިދިޔަ މަހު ނެރުނު ބަޔާނެއްގައި ބުނީ މިއީ ޕާޓީއަށް ގާނޫނުއަސާސީން ލިބޭ ދުސްތޫރީ ހައްގު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
މިއީ ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމް ފުނޑުފުނޑުކޮށްލައި، ސިޔާސީ މަސައްކަތްތައް ހިމޭންކޮށް، މިނިވަންކަމާއެކު ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުމާއި، ބައިވެރިވުމުގެ އަސާސީ ހައްގަށް ނުރައްކާވާ ގޮތަށް ހިންގާފައިވާ އަމަލެއްގެ ގޮތުގައި އެމްޓީޑީ އިން ވަނީ ސިފަކޮށްފަ އެވެ.
އެމްޓީޑީ އިން ބުނީ އީސީ އިން ގާނޫނާ ހިލާފަށް ބޭއިންސާފުން ނިންމާފައިވާ ނިންމުމަށް އިންސާފު ހޯދުމަށް ކޯޓުތައް މެދުވެރިކޮށް ކުރެވެންހުރި މަސައްކަތް ޕާޓީން ކުރާނެ ކަމަށެވެ. އަދި މިކަމުގައި ޑިމޮކްރެޓިކް މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަކާއި ބައިނަލްއަގްވާމީ ބައިވެރިން ޕާޓީ އާއި ޕާޓީގެ މެންބަރުންނާއެކު ތިބުމަށް އެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.