
ސުޖާއުގެ މާލީ ބަޔާނުގައި ވާގޮތުން އޭނާގެ ނަމުގައި ދެ ބިމާއި ފްލެޓަކާއި ހިލޭ ލިބުނު ރޯހައުސްއެއް އެބައޮތެވެ.
މި ވެރިކަން އައިފަހުން ސުޖާއުގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތް ފްލެޓަކީ ހުޅުމާލެއިން ގަނެފައިވާ ލަގްޒަރީ ފްލެޓެކެވެ. ހުޅުމާލޭ ރެއިންޕާލް ރެޒިޑެންސުން އެ ފްލެޓު 2023 ވަނަ އަހަރު ޝުޖާއު ގަތީ 7.2 މިލިއަން ރުފިޔާއަށްކަމަށެވެ. ސުޖާއު ބުނާ ގޮތުން އެ ފްލެޓު ގަތީ ލޯނުގެ ގޮތުގައި ލިބުނު ފައިސާއިން ކަމަށެވެ.
އޭގެ ފަހުން މިދިޔަ އަހަރު ސުޖާއުގެ ނަމުގައި ހުޅުމާލެެއިން ބިމެއް ގަނެވަނީ ރަޖިސްޓްރީކޮށްފައެވެ. އެ ބިން ގަތީ 9.4 މިލިއަން ރުފިޔާއަށެވެ. ސުޖާއު ބުނީ އެ ބިންވެސް ގަތީ ލޯނުގެ ގޮތުގައި ލިބުނު ފައިސާ އިން ކަމަށެވެ.
ސުޖާއުގެ މާލީ ބަޔާނުގައި ބުނީ އޭނާއަށް މިދިޔަ އަހަރެއްގެ ތެރޭގައި މުސާރައާއި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.01 މިލިއަން ރުފިޔާކަމަށެވެ. އެއީ މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބުނު ލިބުނު 1.8 މިލިއަން ރުފިޔާ އާއި ގެދޮރު ކުއްޔަށް ދީގެން ލިބުނު 210،000 ރުފިޔާކަމަށެވެ.
އެހެންނަމަވެސް މާލީ ބަޔާން ބުނާގޮތުން ސުޖާއުގެ އެކައުންޓުތަކުގައި ދިވެހި ރުފިޔާއިން ހުރީ އެންމެ 80،234 ރުފިޔާ އެވެ. އަދި 700 ޑޮލަރުވެސް އެކައުންޓްގައި ހުރިކަމަށް މާލީ ބަޔާނުގައިވެއެވެ.
ނަގުދު ފައިސާގެ ގޮތުގައި 5780 ރުފިޔާ އާއި 3200 ޑޮލަރާއި 13،100 ސްރީ ލަންކަން ރުފީސް އާއި 150 ޔޫއޭއީ ދިރްހަމް ހުރި ކަމަށް ސުޖާއުގެ މާލީ ބަޔާނުގައިވެއެވެ.