
އެމްޓީސީސީން ބުނީ ބޮޑު ތަކުރުފާނު މަގުގައި ހުންނަ ފަޅަކީ އާންމުކޮށް ވަރަށް ގިނަ އަތޮޅު ފެރީތަކުން މީހުން އަރުވާ ބޭލުމަށް ބޭނުންކުރާ ފަޅެއް ކަން ފާހަގަ ވެފައިވާ ކަމަށެވެ.
ނަމަވެސް އެ ކުންފުނި ބޮޑުތަކުރުފާނު މަގު ފުޅާ ކުރުމަށް އެ ފަޅު ވަގުތީ ގޮތުން ބަންދު ކުރެވިފައި ވުމުން އެ ފަޅު ބޭނުން ކުރުން ވަގުތީ ގޮތުން ހުއްޓާލާފައި ވުމުން އަތޮޅު ފެރީ ތަކަށް ބޮޑެތި އުނދަގޫތަކަކާއި ކުރިމަތި ލާން ޖެހިފައި ވާކަމަށް އެ ކުންފުނިން ވަނީ ފާހަގަ ކޮށްފައި އެވެ.
މިކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން މިހާރު ހެންވޭރު ފެރީ ޓާމިނަލްގެ ފަޅު އަތޮޅު ފެރީތަކަށް މީހުން އަރުވާ ބޭލުމަށް ބޭނުން ކުރެވޭނެ ކަމަށާއި ފުރަން 10 މިނެޓަށް ވުމުން ފަޅަށް ވަދެ މީހުން އެރުވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައި ވާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
މި އަހަރުގެ އެޕްރީލް މަހު އެމްޓީސީސީ އާއި ހަވާލުކުރި މި މަޝްރޫއަކީ 144.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއު ނިންމުމަށް 455 ދުވަސް ދީފައި ވެއެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 830 މީޓަރުގެ މަގު ތަރައްގީކޮށް 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ޖަހާނެ އެވެ. މީގެ އިތުރުން މަގުގައި ތާރު އެޅުމާއި، ހިނގާ މީހުންނަށް ހާއްސަ ލޭނެއް ގާއިމުކުރުމާއި ޑްރެއިނޭޖްގެ ނިޒާމެއް ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުން ފަދަ މަސައްކަތްތައް ހިމެނެ އެވެ.