ads
މަޝްހޫރު ފެޝަން ޑިޒައިނަރު ޖޯޖިއޯ އަރްމާނީ
މަޝްހޫރު ފެޝަން ޑިޒައިނަރު ޖޯޖިއޯ އަރްމާނީ މަރުވެއްޖެ
ފެޝަންގެ ދުނިޔެއަށް ބޮޑު އިންގިލާބެއް ގެނައި، އިޓަލީވިލާތުގެ މަޝްހޫރު ޑިޒައިނަރު ޖޯޖިއޯ އަރްމާނީ މަރުވެއްޖެއެވެ.
Advertisement

އޭނާ މަރުވީ އުމުރުން 91 އަހަރުގައި، އޭނާގެ ގޭގައި މިލާންގައެވެ. އަރްމާނީއަކީ އިޓަލީގެ ސްޓައިލާއި ފެޝަންގެ ރަމްޒެއްގެ ގޮތުގައި ފާހަގަކުރެވޭ ފަރާތެކެވެ. އޭނާގެ އަރްމާނީ ބްރޭންޑް ވަނީ ފެޝަނުން ފެށިގެން ސެންޓާއި، ލަގްޒަރީ ހޮޓަލާއި، ކުޅިވަރުފަދަ ދާއިރާތަކަށް ފުޅާކޮށް، އަހަރަކު ދެ ބިލިއަން ޕައުންޑަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ބޮޑު އެމްޕަޔަރަކަށް ބަދަލުކޮށްފައެވެ.

އަރްމާނީ މަރުވުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. އިޓަލީގެ ޕްރައިމް މިނިސްޓަރު ޖޯޖިއާ މެލޯނީ ވިދާޅުވީ، އަރްމާނީއަކީ އިޓަލީގެ ފެޝަން ދުނިޔެއަށް އަލިކަމެއް ގެނެސްދީ، މުޅި ދުނިޔެއަށް އުންމީދު ދިން ރަމްޒެއް ކަމަށެވެ.

އަރްމާނީއަކީ ފިރިހެނުންނާއި އަންހެނުންގެ ސޫޓު ޑިޒައިން ކުރުމަށް މުޅިން އާ ހިޔާލުތަކެއް ތައާރަފުކޮށް، ރެޑް ކާޕެޓް ފެޝަނަށް އާ ދިރުމެއް ގެނެސްދިން ފަންނާނެކެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ 2006 ވަނަ އަހަރު މޮޑެލްއެއް މަރުވި ހާދިސާއަކާ ގުޅިގެން، ހަށިގަނޑުގެ ބަރުދަން ވަކި ވަރަކަށްވުރެ ލުއި މޮޑެލުން އޭނާގެ ރަންވޭތަކުގައި ބޭނުންކުރުން މަނާކުރުމެވެ. މި ފިޔަވަޅު އެޅި ފުރަތަމަ ޑިޒައިނަރަކީ އަރްމާނީއެވެ. ހޮލީވުޑްގެ އެންމެ ބޮޑެތި ތަރިން ކަމަށްވާ ޒެންޑާޔާ، ކޭޓް ބްލެންޗެޓް، އަދި ޖޫލިއާ ރޮބާޓްސް ފަދަ ތަރިންނަށް އޭނާ ވަނީ ޑިޒައިންކޮށްދީފައެވެ.

މަޝްހޫރު އެކްޓަރު ރަސެލް ކްރޯ ބުނީ އަރްމާނީއަކީ ދުނިޔޭގައި އޭނާގެ ނަން ރަންއަކުރުން ފަވާލާފައިވާ ފަރާތެއް ކަމަށެވެ.

 މީގެ އިތުރުން ޑޮނަޓެލާ ވަސާޗީ، ޖޫލިއާ ރޮބާޓްސް، އަދި ޕޯލް ސްމިތު ފަދަ ފެޝަން ދުނިޔޭގެ ފަރާތްތަކުންވެސް ވަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށް، އަރްމާނީއަށް ތައުރީފުކޮށްފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް