ހުޅުމާލޭގައި މޯލްޑިވިއަން ބްލަޑް ސާވިސަސް ހިންގަމުން އަންނަ އޮރެންޖު ހިޔާގައި ހުޅުވި އެ ސެންޓަރަކީ ތެލެސީމިއާ މީހުންގެ ހާލު ބަލައި، އެހީ ފޯރުކޮށް ދިނުމަށް ހާއްސަ ސެންޓަރެކެވެ.
މޯލްޑިވިއަން ބްލަޑް ސާސަސްގެ ސީނިއާ ސްޕެޝަލިސްޓް ރެޖިސްޓްރާ ޑރ. އަހުމަދު އުމަރު ވިދާޅުވި ގޮތުގަައި އަލަށް ހުޅުވި ސެންޓަރުން ތެލެސީމިއާ ޕޭޝަންޓުންގެ ކަންކަން ވަރަށް ކައިރީން މޮނިޓާ ކުރާނެ ކަމަށެވެ. ވަކިން ޚާއްސަކޮށް އަތޮޅު ތެރޭގައި ތިބި ޕޭޝަންޓުންނަށް ވަކި ޤަވާއިދެއްގެ ދަށުން އެ ސެންޓަރުން ގުޅައި ފަރުވާގެ ކަންކަން ކުރިއަށްދާ ގޮތް ބަލާނެ ކަމަށް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ކޮންމެ ތިން މަހަކުން އެއް ފަހަރު ހުރިހާ ޕޭޝަންޓުންނަށް ގުޅައި ޙާލަތު ބަލާނެ ކަަމަށާއި ހާއްސަ އެހީތެރިކަން ބޭނުންވާނަމަ އިތުރު ސަމާލުކަން ދީގެން ފުރިހަމަ ގޮތުގައި ފަރުވާ ކުރިއަށް ގެންދިއުމަށް މަގުފަހިކޮށް ދޭނެ ކަމަށެވެ.
މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ތެލެސީމިއާ ކުދީންނާއި މީހުންގެ 50 ޕަސެންޓް އުޅެނީ އަަތޮޅުތަކުގައި ކަމަށެވެ. އެހެންވެ އެ ޕޭޝަންޓުންގެ ކަންކަން ހަރުދަނާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖެއަކީ ނިސްބަތުން ތެލަސީމިއާ ޕޭޝަންޓުން ގިނަ ގައުމެކެވެ. އެގޮތުން ރާއްޖޭގައި ލޭ ބޭނުންވާ މިންވަރު ވެސް އެހެން ގައުމުތަކާ އަޅާބަލާއިރު އިތުރު ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އިން މިދިޔަ އަހަރު ވަނީ ބުނެފަ އެވެ. އެމްބީއެސްއިން ބުނި ގޮތުގައި ރާއްޖޭގައި ބޭނުންކުރާ ލޭގެ ގާތްގަނޑަކަށް 70 އިންސައްތަ ބޭނުންކުރަނީ ތެލަސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކުންނެވެ.