
މި ދަތުރުފުޅަކީ، ޝީ ޖިންޕިންގ ގެ ދައުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ދެގައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި ދެފަރާތުން ހިއްސާކުރާ، މަސްލަހަތު ހިމެނޭ ކަންކަމާއެކު ކުރިއަށްވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
މިސަމިޓުގެ ހަވާސާގައި ކުރިއަށް ގެންދިޔަ ބައިލެޓެރަލް ބައްދަލުވުންތަކުގައި ރައީސް ވަނީ އެހެން ގައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވައި، ހާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެއްވުމާއި، ގުޅިގެން މަސައްކަތްކުރެއްވޭނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި މަޝްވަރާކުރައްވާފަ އެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ރާއްޖެ އާއި ޗައިނާ އާއި ދެމެދު 11 އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެ އެވެ.
ސޮއި ކުރެވުން އެމްއޯޔޫތަކުގެ ތެރޭގައި މީހުން ބިނާކުރުމާއި އިގްތިސާދީ ތަރައްގީ އާއި އިންްފްރާސްޓްރަކްޗާ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއާ ގުޅޭ އެއްބަސްވުންތަކުގެ އިތުރުން ފިޝަރީޒް އެންޑް މެރިޓައިމް ލޮޖިސްޓިކް ހަބެއް އައްޑޫގައި ގާއިމުކުރުމާއި ނޭޝަނަލް ސްކިލް ޑިވެލޮޕްޓްމަންޓް އޮތޯރިޓީއާ އެކު ހަދާފައިވާ އެއްބަސްވުން ތަކެއް ހިމެނޭ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައި އެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުވެގެން ގޮސްފައިވަނީ ވަރަށް ކާމިޔާބު ދަތުރަކަށް ކަމަށެވެ.