
ކޮލަމްބޯގެ ރޭސް ކޯސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ރާއްޖޭން ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނެގިއެވެ. ފުރަތަމަ ލަނޑު ޖެހީ އިބްރާހިމް އައިސަމް ނެގި ކޯނަރަކުން ނާއިޒު ހަސަން (ދާދު) ބޮލުންނެވެ. އަދި، އޭގެ ފަހުން، ލަންކާގެ ޑިފެންޑަރުންގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ދާދު ދިން ބޯޅައަކުން ދެ ވަނަ ލަނޑު ޖެހީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން ލަންކާއިން ވަނީ ރާއްޖޭގެ ގޯލަށް ގާތްގާތުގައި ހަމަލާތައް އަމާޒުކޮށްފަ އެވެ. އަދި މެޗުގެ 61 ވަނަ މިނިޓްގައި ލަންކާއަށް ލިބުނު ޕެނަލްޓީއަކުން ތާޕަރަން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ. އެހެންނަމަވެސް ފަހުން ރެފްރީ ނިންމާފައިވަނީ އެއީ ގޯލެއް ނޫން ކަމަަށެވެ.
މެޗުގެ 91 ވަނަ މިނިޓްގައި އިލާންގެ އެސިސްޓަކުން އަލީ ފާސިރު (ސެންޓޭ) ވަނީ ރާއްޖޭގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. މިއީ ބަދަލަކަށް ކުޅެން އެރި، 16 އަހަރުގެ މުހައްމަދު އިލާން އިމްރާން ދިން ބޯޅައަކުން ސެންޓޭ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ
ލަންކާގެ ފަސްގަނޑުގައި އެ ގައުމާ ދެކޮޅަށް ރާއްޖޭން އެންމެ ފަހުން މެޗެއް ކުޅުނީ ޑިސެމްބަރު 2021 ގަ އެވެ. އެއީ ގައުމުގައި ބޭއްވި ރާޖަޕަކްސަ އިންވިޓޭޝަނަލް މުބާރާތުގަ އެވެ. އެ މެޗުގައި ރާއްޖޭން ހަތަރު ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ލަންކާއިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެއީ މޮރިއޭރޯގެ ކޯޗުކަމުގެ ދަށުން ރާއްޖޭން ކުޅުނު ފުރަތަމަ މެޗެވެ.
ރާއްޖެއާ ލަންކާ ކުޅުނު މެޗުގެ ތެރެއިން - ފޮޓޯ/ ލަންކާ ފުޓުބޯޅަ
ލަންކާއިން މި މެޗަށް ނިކުތީ 2002 ވަނަ އަހަރުން ފެށިގެން ލަންކާ މައްޗަށް ރާއްޖެއިން ހޯދަމުން އައި މޮޅުވުމުގެ ސިލްސިލާ ނިންމާލުމަށެވެ. ނަމަވެސް ހީކުރި ގޮތާ ހިލާފަށް ދިވެހި ގައުމީ ޓީމު ވަނީ ހިތްވަރުކޮށް ނަތީޖާ ނެރެފަ އެވެ. މިދިއަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މަރުވަމުން ދިޔަ ދިވެހި ފުޓްބޯޅައަށް މިއަދުގެ މޮޅަކީ މުހިންމު އުންމީދީ ނަތީޖާ އެކެވެ.
މިއަދުގެ މެޗަކީ، ރާއްޖޭގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗެެވެ. ރާއްޖެ ލަންކާ ބައްދަލުކުރާ ދެ ވަނަ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. މި މެޗުން ރާއްޖެ ތިން ލަނޑުގެ ފަރަގަކުން ބަލިނުވެއްޖެނަމަ ރާއްޖެއަށް ސުޕަ ކަޕްގެ ޗެމްޕިއަންކަން ލިބޭނެ އެވެ.
މިއަދުގެ މެޗު ބަލަން ލަންކާގައި ދިރިއުޅޭ ގިނަ ދިވެހިން ވަނީ ކޮލަމްބޯގެ ރޭސްކޯސް ދަނޑަށް ވަދެފަ އެވެ.