
އިންޑިއާގެ ނޫސްތަކަށް އިރުފާނުގެ ތަރުޖަމާނު މިކަން ކަށަވަރުކޮށްދެމުން ބުނެފައި ވަނީ އޭނާއަށް އައިސީޔޫގައި ފަރުވާދެމުންދަނީ ހަޖަމްކުރާ ނިޒާމުގައި އިންފެކްޝަނެއް އުފެދިގެން ކަމަށެވެ. އަދި މިވަގުތު އޮބްޒަވޭޝަނުގައި އޮތްއިރު އޭނާގެ ހާލަތާއި ގުޅޭ މައުލޫމާތު ހިއްސާކުރާނެ ކަމަށް ބުންޏެވެ.
ތަރުޖަމާނު ބުނީ އިރުފާން މިހާ ހިސާބަށް އައިސްފައިވަނީ އޭނާގެ ހިތްވަރުން ކަމަށާއި ސަޕޯޓަރުންގެ ހެޔޮ ދުއާއާއެކު ވަރަށް އަވަހަށް ރަނގަޅުވެ އާންމުންގެ ތެރެއަށް އޭނާ ނިކުމެވޭވަރު ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
މިދިިޔަ ހޮނިހިރު ދުވަހު ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ، އިރުފާނުގެ މަންމަ ވެސް މަރުވެފަ އެވެ. އިންޑިއާ ލޮކްޑައުންކޮށްފައިވުމުން މަންމަގެ ޖަނާޒާގައި ވެސް އޭނާ ބައިވެރިވާން ޖެހުނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.
އިރުފާނަކީ ކުޅަދާނަ ތަރިއެކެވެ. އެގޮތުން ހިންދީ މީޑިއަމް އާއި އެންގްރޭސީ މީޑިއަމް އަދި ލައިފް އޮފް ޕައިގެ އިތުރުން ބްލެކްމެއިލް އާއި ޕީކޫ ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެންގޮސްފަ އެވެ.