ads
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް
ސިއްހަތު ފެށެނީ އާއިލާތަކުން: މިނިސްޓަރު ނާޒިމް
ރާއްޖޭގެ ދުޅަހެޔޮ އާބާދީއަކަށް ވުރެ ބޮޑު ނިއުމަތެއް ގައުމަކަށް ނުލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
Advertisement

އޭނާ ވިދާޅުވީ، ގައުމުގެ އުފެއްދުންތެރިކަމާއި ކުރިއެރުން ގުޅިފައިވަނީ ރައްޔިތުންގެ ފުރިހަމަ ސިއްހަތާ ކަމަށެވެ. މިނިސްޓަރު ނާޒިމް މިފަދައިން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ހާއްސަ މެޑިކަލް ކޭމްޕެއް ފެށުމުގެ ރަސްމިއްޔާތުގައި ދެއްވި ވާހަކަފުޅުގައެވެ.

ސިއްހީ ކަންކަމާ ގުޅޭގޮތުން ކުރިން އޮތް ބޯދާ ހިޔާލުތަކަށް ރައްދުދެއްވައި މިނިސްޓަރު ވިދާޅުވީ، ސިއްހީ ކަންކަން ފެށޭ ހިސާބަކީ ހަމައެކަނި ސިއްހީ މަރުކަޒުތަކެއް ނޫން ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ސިއްހީ ކަންކަން އަސްލު ފެށިގެން އަންނަނީ އާއިލާތަކާއި، މުޖުތަމައުތަކާއި، އެކުވެރިންގެ އިތުރުން ޖުމްލަކޮށް މުޅި މުޖުތަމައުގެ އެންމެހައި ފަރުދުންގެ އެއްބާރުލުމާއި މަސައްކަތުންނެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ނިސްބަތް މަދުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި މުޅި މުޖުތަމަޢުގެ އެއްބާރުލުން ކޮންމެހެން ބޭނުންވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ސިއްހީ ދާއިރާއަށް މިހާރު އެންމެ ގުޅުން ހުރި މައިގަނޑު މައުލޫއެއް ކަމަށްވާ "ހެލްތު ބިއޯންޑް ހެލްތު" އަށް އަލިއަޅުވައިލެއްވިއެވެ. އެގޮތުން ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް ގުޅިފައި އޮންނަނީ ސިއްހަތާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެންމެންގެ އެއްބާރުލުން ލިބިގެންނޫނީ ސިއްހީ ދާއިރާގައި އެދެވޭ މަންޒިލަކަށް ނުދެވޭނެކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ ސިއްހީ ކަންކަން ކުރިއެރުވުމުގައި އެންމެން ބައިވެރިވެއްޖެނަމަ ޤައުމުގެ އުފެއްދުންތެރިކަން އިތުރުވެ، އުފާވެރި އާބާދީއެއް ދިރިއުޅޭ ޤައުމެއްގެ ގޮތުގައި ރާއްޖެ ވެގެން ދާނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް