ads
އައްޑޫ ސިޓީ
ވައްކަން ކުރަން އުޅެނިކޮށް ކަރަންޓު ޖެހުނު މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން
އައްޑޫ ސިޓީގައި ކަރަންޓު ކޭބަލެއް ވަގަށް ނަގަން މަސައްކަތްކުރަނިކޮށް ކަރަންޓުގައި ޖެހި ބޮޑެތި އަނިޔާތަކެއް ލިބުނު މީހާގެ ހާލު މިހާރު ސްޓޭބަލްވެ، ރަނގަޅުވަމުން އަންނަ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
Advertisement

 މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ.

މި ހާދިސާ ހިނގާފައިވަނީ އައްޑޫގެ ފޭދޫގައި ހުންނަ 41 ނަންބަރު ސަބްސްޓޭޝަން ކައިރީގައި ކޭބަލަކަށް ގެއްލުން ދޭން މަސައްކަތްކުރަނިކޮށެވެ. މި އަމަލުގެ ސަބަބުން ކަރަންޓު ޝޯޓެއް ހިނގައި، ސެންޓްރަލް ޕަވާ ހައުސް މުޅިން ޑައުންވެ، އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ގާތްގަނޑަކަށް ހަތަރު ގަޑިއިރު ވަންދެން ކަރަންޓު ހިދުމަތް މެދުކެނޑިގެން ދިޔައެވެ. ކަރަންޓުގައި ޖެހުނު މީހާގެ ހަށިގަނޑުގެ ބައެއް ބައިތައް ފިހި، ބޯފަޅައިގެން ގޮސްފައިވާއިރު، ފުރަތަމަ ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ނަމަވެސް، އެތަނުގައި ކަރަންޓު ނެތުމުގެ ސަބަބުން ވަގުތުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ މިހާރު އެ މީހާގެ ހާލު ސްޓޭބަލް ކަމަށާއި، އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ކުންފުނީގެ މުދަލަށް ގެއްލުންވުމުގެ އިތުރުން އާންމު ރައްޔިތުންނަށް ދަތިތައް ކުރިމަތިވެ، ފުރާނައަށް ވެސް ނުރައްކާވެދާނެ ކަމަށް ބުނެފައެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަރަންޓު ކޭބަލް ވައްކަންކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކޮށްލަން ޖެހޭއިރު، މީގެ ކުރިން ވެސް ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި މަރުވެފައިވާ ހާދިސާތައް ހިނގާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް