ads
ހުޅުމާލެ
އޮރިޔާން ވީޑިއޯ ހަދައި ފައިސާ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި
ވަޅިން ބިރުދައްކައި، އޮރިޔާން ވީޑިއޯ ހަދައި، އެކި މީހުންގެ އަތުން ފައިސާ ފޭރިގަތް ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
Advertisement

ހުޅުމާލެ ފޭސް އެކަކުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ ސީރީންމަންޒިލް، މުޙައްމަދު ސަމީރު (29އ) އާއި ލ. ގަން ތުނޑި އަރާއިރު، އަލީ ހައިސަލް (37އ) އެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި ދެމީހުން ވަނީ ފޭސްބުކް މެސެންޖާ މެދުވެރިކޮށް މީހަކާ ވާހަކަދައްކައި، އޭނާގެ ބަރަހަނާ ވީޑިއޯ ހުރިކަމަށް ބުނެ ބިރުދައްކާފައެވެ. އަދި ހުޅުމާލޭގައި އެ ދެމީހުން ދިރިއުޅޭ އެޕާޓްމަންޓަކަށް އެމީހާ ގެންގޮސް ވަޅިން ބިރުދައްކައި، އެ މީހާގެ ބޭންކު އެކައުންޓުން ފައިސާ ނަގައި، އޮރިޔާންކޮށް ވީޑިއޯކޮށް، އިތުރު ފައިސާ ހޯދުމަށް ޑިމާންޑުކޮށްފައިވެއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ.

އެޕާޓްމަންޓު ބަލައިފާސްކުރިއިރު، ތިން މޯބައިލް ފޯނު، ތިން އަތުކުރީގަޑި، އެއް ޑްރޯން، އެއް ދޮށި، ދެ އަވިއައިނު، ރިހި ފަށަކާއި ރިހި އަނގޮޓިއެއް އަދި ހަ ވަޅި ފެނިފައިވެއެވެ. ފުލުހުން ބުނި ގޮތުގައި އެ ތަކެއްޗަކީ އެކި މީހުންގެ އަތުން ފޭރިފައިވާ ތަކެތި ކަމަށް ބެލެވެއެވެ.

މީގެ އިތުރުން ސަމީރާއި އަލީ ހައިސަލް ސޯޝަލް މީޑިއާ ބޭނުންކޮށް މީހުންނަށް ދުއްތުރާކޮށް، ވަޅިން ބިރުދައްކައި، އޮރިޔާން ވީޑިއޯ ހަދައި ފައިސާ ފޭރިގަތް އިތުރު ދެ މައްސަލަ ވެސް މިހާތަނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މިހާރު މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަލީ ހައިސަލް 4 ދުވަހަށް އަދި ސަމީރު 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފުލުހުން ގެންދަނީ މި މައްސަލަތައް ތަހުގީގު ކުރަމުންނެވެ. އަދި މި ދެމީހުންގެ ފަރާތުން މިފަދަ އެއްވެސް ކަމެއް ދިމާވެފައިވާ ފަރާތެއް ވާނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް