
މި މަޝްރޫއަކީ މާލޭ ސަރަހައްދުގެ ފެނުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
އާ ޕްލާންޓުގެ އިމާރާތުގެ ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށާފައިވަނީ ހުޅުމާލޭގެ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި މަސައްކަތް ފަށައިދީފައިވަނީ އެމްޑަބްލިޔުއެސްސީއަށް 29 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ ދިހަ މުވައްޒަފުންގެ ފަރާތުންނެވެ. ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދާއި އެ ކުންފުނީގެ ޗެއާޕާސަން ޝަމްހޫޒާ އަހުމަދު އަދި ބޯޑު މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެމްޑަބްލިޔުއެސްސީން އަމާޒުކުރަނީ މި އިމާރާތުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމުމަށެވެ.
އިމާރާތުގެ މަސައްކަތް ނިމުމާއެކު ދުވާލަކު 5000 ޓަނުގެ ފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް އެ އިމާރާތުގައި ބެހެއްޓުމުގެ މަސައްކަތް ފަށާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ. މި އާރްއޯ ފެސިލިޓީއަކީ މާލެއާއި ހުޅުމާލޭގެ ފެނުގެ ހިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އެމްޑަބްލިޔުއެސްސީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ހިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެމްޑަބްލިޔުއެސްސީން އިތުރަށް ހާމަކުރިއެވެ.