
މި އިތުރުވުމާއެކު، ރާއްޖޭގެ ޓޫރިޒަމް ބެޑް ކެޕޭސިޓީ 65,143 އަށް އަރާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. މި އަދަދުތަކުން ދައްކައިދެނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް އަންނަ ކުރިއެރުމާއި، ޓޫރިސްޓުންނަށް ހިދުމަތްދިނުމުގެ ގާބިލިއްޔަތު އިތުރުވެފައިވާ މިންވަރެވެ.
މި އަހަރު އަލަށް އިތުރުވި އެނދުތަކާ އެކު، މިހާރު ރާއްޖޭގެ ރިސޯޓުތަކުގައި ޖުމްލަ 43,247 އެނދު ހުރެއެވެ. މީގެ އިތުރުން ގެސްޓު ހައުސްތަކުގައި 15,494 އެނދާއި، ސަފާރީތަކުގައި 3,918 އެނދު އަދި ހޮޓާތަކުގައި 2,484 އެނދު ހިމެނެއެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި، ރާއްޖޭގައި މިހާރު 174 ރިސޯޓާއި، 903 ގެސްޓު ހައުސްއާއި، 161 ސަފާރީ އަދި 16 ހޮޓާ ހިންގަމުން އަންނައިރު، ޖުމްލަ ޓޫރިސްޓް ފެސިލިޓީތަކުގެ އަދަދު ވަނީ 1,254 އަށް އަރާފައެވެ.
ރާއްޖެއިން މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ހިފާފައިވާއިރު، މިހާތަނަށް 1,492,075 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، 9.4 ޕަސަންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 1,363,333 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ. ޓޫރިޒަމް ދާއިރާގެ ބެޑް ކެޕޭސިޓީ މިހެން އިތުރުވެފައިވުމަކީ، ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ލިބުނު ބާރެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.