ads
ކުރީގެ ރައީސް ނަޝީދު
ހަނިފަރަށް ގެއްލުން ނުދީ ބޭއްވުމުން ދޮންފަނަށް މާ ފައިދާވާނެ: ނަޝީދު
ބ. އަތޮޅުގައި އޮންނަ ހަނިފަރު ބޭ އަށް ގެއްލުން ނުދީ ބޭއްވުމުން އެ ސަރަހައްދާއި އެންމެ ކައިރީގައި އޮންނަ ބ. ދޮންފަނުގެ ރައްޔިތުންނަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ތިމާވެށި ހިމާޔަތް ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ، އެކަމުގައި ބައިނަލްއަގުވާމީ މައިދާނުގައި އެތައް އަހަރެއް ވަންދެން އަޑުއުފުލަމުން ގެންދަވާ ނަޝީދު މިފަދައިން ވިދާޅުވީ ދޮންފަނުގެ ބިން ހިއްކަން މި ސަރުކާރުން ނިންމުމާއެކު އެ މަޝްރޫއުގެ ސަބަބުން ހަނިފަރު ސަރަހައްދަށް ގެއްލުންވާނެތީ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ހަނިފަރު ބޭ ގައި ހިމެނޭ 529 ހެކްޓަރުގެ ސަރަހައްދެއް ހިމާޔަތްކުރަން ނިންމީ ނަޝީދުގެ ވެރިކަމުގައި 2011 ގަ އެވެ.

"ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންގޮސް، ދުނިޔެއަށް މަޝްހޫރު ޓޫރިޒަމް މަންޒިލެއް ކަމަށްވަ ހަނިފަރު ބޭއަށް ގެއްލުން ދިނުމުގެ ބަދަލުގައި އެތަން އޮތް ގޮތަށް ބާއްވައިގެން ދޮންފަނުގެ ރައްޔިތުންނަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށް އަޅުގަނޑު ދެކެން،" މި ވަގުތު ކްލައިމެޓް ވަލްނެރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރައްވަމުން ގެންދަވާ ނަޝީދު ލިޔުއްވާފައިވެ އެވެ.

ފާހަގަކުރެވޭ ގޮތުގައި އެންމެ 400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ދޮންފަނުގައި 13 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން އެމްޓީސީސީއަށް ދީފައިވަނީ މިދިޔަ މަހުގެ 13ވަނަ ދުވަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.

އެހެންވެ، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅޭ ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ދޮންފަނުގެ ބިން ހިއްކުމުން އެތާ ކައިރީ އޮންނަ ހަނިފަރު ބޭއަށް ގެއްލުންވާނެ ކަމަށް ދަނީ ބުނަމުންނެވެ. އަދި ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ގޮވާލައި، މިދިޔަ ބުރާސްފަތި ދުވަހު ޕެޓިޝަނެއްގައި ވެސް ވަނީ ސޮއިކުރަން ފަށައިފަ އެވެ.

އެ ޕެޓިޝަންގައި ބުނީ ހަނިފަރު ބޭ އަކީ ދުނިޔޭން ނެތިގެން ދިއުމުގެ ބިރު ހީވެފައިވާ އެންމަޑިއާއި ފެހުރިއްސާއި އެތައް ބާވަތެއްގެ މުރަކަ އާލާވެފައިވާ ވެފައިވާ ތަނެއް ކަމަށެވެ. 

ގިނަ އަދަދެއްގެ ފެހުރިއްސާއި މަޑި ފެންނަ "ހަނިފަރު ބޭ" އަކީ ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ އިތުރުން، ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެކެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް