
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ 24 ދުވަހުގެ ތެރޭގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެފްޑީސީން ތަރައްޤީ ކުރި 4000 ސޯޝަލް ހައުސިން ޔުނިޓު މަޝްރޫއުގެ 3،032 އަށް މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށެވެ.
އަދި އަމާޒަކީ ވީއެންމެ އަވަސް މުުއްދަތެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވުނު ފަރާތްތަކާ ޔުނިޓުތައް ހަވާލުކުރުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
ގެދޮރުވެރިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން އެ ކޯޕަރޭޝަނުން ފެށީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.
4000 ފްލެޓްގައި ހިމެނޭ ދެ ކޮޓަރީގެ އެޕާޓްމަންޓުކުގެ ކުއްޔަކީ 8،000 ރުފިޔާއެވެ. އޭގެތެެރޭގައި މެއިންޓެނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ ހިމެނެއެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހެނީ 15،000 ރުފިޔާއެވެ.
ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ކުއްޔަށް ދެނީ 11،000 ރުފިޔާ އަށެވެ. އެއީ މެއިންޓެނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ ހިމަނައިގެންނެވެ. އެ އެޕާޓްމަންޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓަށް ދައްކަން ޖެހެނީ 25،000 ރުފިޔާ އެވެ.
އެ ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި، އެއްބަސްވުމުގައި ސޮއިކުރުމަށް ޕޯޓަލް އަށް އަޕްލޯޑްކުރަން އަންގާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ މައްސަލަ ވަރަށް ބޮޑެވެ. އެއީ ވެސް ސޮއިކުރަން ތާވަލްކުރަން ލަސްވާ ސަބަބެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމާ އެކު، ފެނާއި ކަރަންޓާއި ގޭހާއި ކޭބަލް ކަހަލަ އަސާސީ ހުރިހާ ހިދުމަތަކަށް ވެސް އެފްޑީސީން ރަޖިސްޓްރީކޮށްދެ އެވެ.
މި މަޝްރޫޢުގައި 16 ޓަވަރު ހިމެނޭ އިރު އެ މަޝްރޫއުގެ 96 ޕަސެންޓް މިހާރު އޮތީ ނިމިފަ އެވެ.