
މި ޖަލްސާގެ އެއްވެސް ވާހަކައެއް ރައްޔިތުން މަޖިލީހުން ނުބުނެއެވެ. އެހެންނަމަވެސް މި ޖަލްސާއާ ބާއްވާކަން އެނގޭ ބައެއް މެމްބަރުން ބުނީ އަންނަ ހޯމަ ދުވަހު ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުން ބާއްވަން މަޝްވަރާކޮށްފައިވާކަމަށެވެ.
އެދުވަހުގެ ޖަލްސާއަށް އެޖެންޑާގައި ހިމަނަން މަޝްވަރާކުރަން ނިންމާފައިވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލެވެ.
އޭނާ މިދިޔަ ޖުލައި މަހު ހުށައެޅި މި ބިލް ވަނީ މަޖިލިހަށް ބަލައިގެންފައެވެ. މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ އުމުރާއި ރައީސުލްޖުމްހޫރިއްޔާ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތް އަދި މަޖިލީހުން ފާސް ކުރާ ބިލެއް ރައީސް ތަސްދީގު ނުކުރާ ހާލަތުގައި އާއްމުންގެ ރުހުން އޮތްތޯ ބަލަން އާންމުންގެ ވޯޓަށް ދާބެ ގޮތްތައް ކަނޑައަޅާ ބިލެކެވެ.
ރައްޔިތުންގެ މަޖިލިސް މިދިޔަ މަހުގެ 19 އިން ފެށިގެން އޮތީ ޗުއްޓީގައެވެ. އެހެންނަމަވެސް މީޑިއާތައް ކޮންޓްރޯލް ކުރަން މަޖިލިހަށް ހުށަހަޅާފައިވާ ބިލާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓް ނެގުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ބިލާ ގުޅިގެން ދައުރުން ބޭރުން މިހާތަނަށް ދެ ޖަލްސާއެއް ވަނީ ބާއްވާފައެވެ.