މި އުފަންދުވަހުގެ ހަފްލާ ބާއްވާފައިވަނީ އޮކްޓޯބަރު 21، 2025 ގައި، ކިމްގެ އާ ޓީވީ ސިލްސިލާ "އޯލްސް ފެއާ އިން ޕެރިސް" ގެ ޕްރިމިއާ އިވެންޓާ ދިމާކޮށެވެ.
މި ހަފްލާގައި ކިމް ފެނިގެން ގޮސްފައިވަނީ ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ޑިޒައިނަރުންގެ ދެ ވިންޓޭޖް ހެދުމުންނެވެ. ޕްރިމިއާގެ ރަތް ކާޕެޓަށް އޭނާ އަރާފައިވަނީ ޑިއޯ ބްރޭންޑުން 2000 ވަނަ އަހަރު ޖޯން ގަލިއާނޯ ޑިޒައިންކުރި ބޭބީ-ބްލޫ ކުލައިގެ ހެދުމަކުންނެވެ. އޭގެ ފަހުން އުފަންދުވަހުގެ ހާއްސަ ޕާޓީއަށް ކިމް ވަނީ، 1997 ވަނަ އަހަރު އެލެގްޒެންޑާ މެކްކުއީން ޖިވެންޝީ އަށް ޑިޒައިންކޮށްދިން ރަންކުލައިގެ ކޯސެޓެޑް ޓޫލް ހެދުމަކަށް ބަދަލުކޮށްފައެވެ.
މި ހަރަކާތް ވެގެން ގޮސްފައިވަނީ މަންމަ އާއި ދަރިފުޅުގެ ހާއްސަ ހަރަކާތަކަށެވެ. ކިމް އާ އެކު ރަތް ކާޕެޓް މަތިން ފެނިގެން ދިޔަ ކްރިސް ޖެނާ ވެސް ހުރީ ވިންޓޭޖް ލަގްޒަރީ ހެދުމަކުން ޒީނަތްވެގެންނެވެ. މިއީ މި ހަފްލާގެ ފެޝަނާއި ގްލިޓްޒް އިތުރަށް ފުރިހަމަވެގެން ދިޔަ ކަމެކެވެ.