
އިހުތިޖާޖުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުންނާއި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުންގެ އިތުރުން އާންމުން ވެސް ދަނީ ބައިވެރިވަމުންނެވެ.
އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުން މިނިސްޓަރާއި ބައްދަލުކުރަން އެދިފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެކަން ކޮށްދީފައި ނުވާ ކަމަށް ބުނެ އެ މެމްބަރުން ވަނީ ފިނޭންސް މިނިސްޓްރީގެ ތެރެއަށް ވަދެފައި އެވެ
އިހުތިޖާޖުގެ ބައިވެރިން ހިފައިގެން ތިބި ޕޯސްޓަރުތަކުގައި ލިޔެފައިވަނީ ދައުލަތުގެ ހަޒާނާ އެއްކޮށް ލޫޓުވާލާފައިވާ ކަމަށާއި ގައުމަށް ވަންނަ ޑޮލަރު ވެސް ލޫޓުވާފައިވާ ކަމަށެވެ.
އަމިއްލަ ވިޔަފާރިތައް ފުނޑާނުލައި ސަރުކާރުން އެ ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާތައް ވީހާވެސް އަވަހަށް ދޫކުރުމަށް ވެސް އެމްޑީޕީން ދަނީ ގޮވާލަމުންނެވެ.
އެމްޑީޕީން ބުނަމުން ދަނީ މި ސަރުކާރުން ރައްޔިތުންނާއި މެދު ބޭނުންހާ ގޮތެއް ހަދާތަން ބަލަން ނުތިބޭނެ ކަމަށާއި ރައްޔިތުންގެ ހައްގުގައި އަބަދުވެސް މަސައްކަތް ކުރަމުން އަންނާނެ ކަމަށެވެ.
އެމްޑީޕީން ފާހަގަ ކުރި ގޮތުގައި މުހިންމު އެތަށް ޕްރޮޖެކްޓްތަކެއް ލާރި ނެތިގެން ހުއްޓިފައިވާ އިރުވެސް ރައީސް އެކި އެކި ބޭކާރު ޕްރޮޖެކްޓުތައް އެކި ރަށްރަށުގައި ހިންގަމުން ދިއުމަކީ އެއްގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެ ފަދަ ޕްރޮޖެކްޓު ތަކުގެ ސަބަބުން ހޭދަވާ ލާރި މުހިންމު ޕްރޮޖެކްޓްތަކަށް ހަރަދު ކުރުން މާ ރަނގަޅުވާނެ ކަމަށެވެ.
ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތައް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިގުޅައިގަނެ ރައްޔިތުންނަށް ހިޔާނާތްތެރިވަމުން ދާތީ އެކަމާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ކުރުމަށް އެމްޑީޕީން މިދިޔަ ހަފްތާގައި ވަނީ ނިންމާފަ އެވެ.
އެގޮތުން އޮކްޓޯބަރު 3، ގައި އެމްޑީޕީން މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވާނެކަން ވަނީ އިއުލާންކޮށްފަ އެވެ. އެމްޑީޕީން އެދެމުން ދަނީ ވީހާވެސް ގިނަ ބޭފުޅުން މި އިހްތިޖާޖުގައި ބައިވެރިވެ ވަޑައިގަންނަވަން އެދޭ ކަމަށެވެ.
އެ ޕާޓީން ވަނީ މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ޕިކަޕް ޖަލްސާއެއް ވެސް ބާއްވާފަ އެވެ.