
މިކަން ހާމަވެފައިވަނީ މަހުލޫފް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވި ސިޓީއަކުންނެވެ. އެ ސިޓީގައި މަހުލޫފް ވަނީ އެ ޕާޓީން އޭނާ ވަކިކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
އެމްޑީޕީން ވަނީ މި ސިޓީ ލިބުނުކަން ސީއެންއެމްއަށް ކަށަވަރުކޮށްދީފައެވެ.
މި ނިންމުމާ ގުޅިގެން މަހުލޫފް ވިދާޅުވީ، 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބުނުކަމީ އެކަމަށް ޝުކުރުވެރިވާ ކަމެކެވެ. އަދި ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ކެބިނެޓުގައި މަސައްކަތް ކުރަން ލިބުނު ފުރުސަތަށްވެސް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. މަހުލޫފް ވަނީ އެ ނިންމުމާމެދު އެއްވެސް މެންބަރެއްގެ ހިތްހަމަނުޖެހުމެއް އޮތްނަމަ އެކަމަށް މާފަށް އެދިވަޑައިގަންނަވާފައެވެ.
މަހުލޫފް އެމްޑީޕީއާ ގުޅިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރުގައެވެ. އެވަގުތު އޭނާ ހުންނެވީ ޕީޕީއެމްގެ ޓިކެޓުގައި މަޖިލިސް މެންބަރެއްގެ ގޮތުގައެވެ.