މޯލްޑިވްސް ޕޯސްޓް ލިމިޑަޓްގެ 119 ވަނަ އަހަރީ ދުވަހާއި ގުޅިގެން ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ކުރިއެރުމާއި، މުވާސަލާތާއި، އިގްތިސާދުގައިވެސް ޒަމާންތަކަށް ދެމިހުންނާނެ އަގުހުރި ހިދުމަތްތަކެއް ޕޯސްޓްގެ ޒަރީއާއިން ފޯރުކޮށްދީފަައިވާ ކަމަށެވެ.
މީގެ އިތުރުން މިދިޔަ 119 އަހަރު ޕޯސްޓްގެ ހިދުމަތް ރާއްޖޭގައި ދެއްވަން އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާމެދު ޤައުމު ފަހުރުުވެރިވާ ކަމަށްވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
ޕޯސްޓް ހިދުމަތުގެ އެހާރާއި މިހާރުގެ ޓީމަށް އަހަރީ ދުވަހުގެ ޝުކުރާއި ހެޔޮއެދުން ރައީސް ވަނީ އަރިސް ކުރައްވާފައި އެވެ.
ރާއްޖޭގައި ޕޯސްޓްގެ ހިދުމަތް ތައާރަފްކުރީ 1906 ވަނަ އަހަރުގައި އެވެ. 119 އަހަރަށްވުރެ ގިނަ ދުވަހުގެ ތާރީހެއް އޮތް ރާއްޖޭގެ ޕޯސްޓް ސެކްޓަރް އެންމެ ފުރަތަމަ ބޭނުން ކުރެވުނީ މުވާސަލާތީ މީޑިއަމްއެއްގެ ގޮތުގައި ނަމަވެސް އިންޓާނެޓުގެ ސަބަބުން މުޅި ދުނިޔެ ގުޅާލެވިފައިވާ މި ޒަމާނުގައި ޕޯސްޓް ސެކްޓަރު ބޭނުން ކުރެވެނީ މުދާ ފެސިލިޓޭޓް ކުރާ ފަރާތެއްގެ ގޮތުގައި އެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑަކީ 1994 ވަނަ އަހަރު އުފެދުނު ލިމިޓެޑް ލައިބިލިޓީ އޮތް ސަރުކާރު ކުންފުންޏެކަމަށާއި ޔުނިވާސަލް ޕޯސްޓް ސާވިސް އޮބްލިގޭޝަން (ޔޫއެސްއޯ) ގެ ދަށުން މުޅި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ޕޯސްޓްގެ ހިދުމަތް ދިނުމުގެ މެންޑޭޓެއް އޮތް ކުންފުންޏެއްކަމަށް އެ ކުންފުނިން ބުނެ އެވެ.
މޯލްޑިވްސް ޕޯސްޓަކީ މޯލްޑިވްސްގެ ޕޯސްޓް ލޯއިން ލާޒިމުކުރާ ނޭޝަނަލް ޕޯސްޓް އޮޕަރޭޓަރެއް ކަމަށާއި، މުޅި ރާއްޖޭގައި 15 އަތޮޅު ޕޯސްޓް އޮފީހާއި 172 ޕޯސްޓް އެޖެންސީގެ ނެޓްވޯކަކުން މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަކަށް ޕޯސްޓްގެ ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުުނިން ބުނެ އެވެ.