ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތައިލޭންޑްގެ ބޮޑުވަޒީރުކަމުގެ މަގާމަށް އާނޫޓިން ޗާންވީރާކޫން އިންތިހާބުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

Advertisement
މިކަމާ ގުޅިގެން ރައީސް މުޢިއްޒު ވަނީ ތައިލޭންޑްގެ އާ ބޮޑުވަޒީރަށް މެސެޖެއް ފޮނުއްވާފައެވެ.
ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ބޮޑުވަޒީރު އާނޫޓިންގެ ޒައާމަތުގައި ތައިލޭންޑާއި އެ ގައުމުގެ ރައްޔިތުން، ތަރައްގީއާއި ފާގަތިކަމުގެ އާ ޒަމާނަކަށް ގެންގޮސްދެއްވާނެކަމުގެ ޔަގީންކަން އެބައޮތްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ރާއްޖެއާއި ތައިލޭންޑާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރެއްވުމަށްޓަކައި އެމަނިކުފާނާއެކުގައި ގާތުން މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ރައީސް މުޢިއްޒު ވަނީ ފާޅުކުރައްވާފައެވެ.
މި މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ތައިލޭންޑްގެ އާ ބޮޑުވަޒީރަށް ކާމިޔާބީއާއި ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެންފައެވެ. އޭގެ އިތުރަށް، ތައިލޭންޑުގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައިވާ ކަމަށް ރައީސް މުޢިއްޒުގެ މެސެޖުގައި ވެއެވެ.