ads
އައިޖީއެމްއެޗް ހޮސްޕިޓަލުގައި އޮޕަރޭޝަނެއް ކުރިއަށް ދަނީ
ނާޒުކު ހާލަތުގައި ތިބޭ ތުއްތު ކުދިންނަށް، ހާއްސަ ނަރުހުން މަދުވުމުގެ ކަންބޮޑުވުން
ރާއްޖޭގައި އުފަންވާ ނާޒުކު ހާލަތުގައި ތިބޭ ތުއްތު ކުދިންނަށް ދެވޭ ފަރުވާގައި ފާހަގަކުރެވޭ ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް، މި ދާއިރާއިން ހާއްސަ ތަމްރީނު ލިބިފައިވާ ނަރުހުން މަދުވުމުގެ ކަންބޮޑުވުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ފާޅުކުރައްވައިފިއެވެ.
Advertisement

ރާއްޖޭގެ ފުރަތަމަ ނިއޮނޭޓަލް ނާސެސް ކޮންފަރެންސް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ސީއީއޯ ވިދާޅުވީ ކޮންފަރެންސާއެކު ތުއްތު ކުދިންނަށް ދެވޭ ފަރުވާ އިތުރަށް ހަރުދަނާވެގެންދާނެކަމަށެވެ.

ސީއީއޯ ވިދާޅުވީ، "ފަރުވާދިނުމުގައި ގިނަ ކުރިއެރުން ގެނެވުމާއެކު، އުފަންވާއިރު، ނާޒުކު ހާލަތުގައި ތިބޭ ކުދިންގެ ދިރިހުރުމުގެ ނިސްބަތް އިތުރުވެފައިވާކަން ފާހަގަކުރެވޭ. ނަމަވެސް ތަމްރީނުވެފައިވާ ނިއޮނޭޓަލް ނަރުހުން މަދުކަން ފާހަގަކުރެވޭ. އަދި ސްޕެޝަލައިޒްޑް ނިއޮނޭޓަލް ނަރުހަކު ނެތުމަކީވެސް މިއީ ކުރިމަތިވެފައިވާ ގޮންޖެހުމެއް" ކަމަށެވެ.

މި ކަންބޮޑުވުންތައް ހައްލުކުރުމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އެހީތެރިކަމާއެކު އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގެ އެންއައިސީޔޫ ޚިދުމަތްތައް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި، މި ކޮންފަރެންސްއިން 40 ނަރުހުން ބައިވެރިވެ މި ދާއިރާގެ ކުރިއެރުންތަކަށް މަގުފަހިވާނެކަމަށް ސީއީއޯ ވިދާޅުވިއެވެ.

ރާއްޖޭގައި ނިއޮނޭޓަލް ފަރުވާ ފެށިފައިވަނީ 1995 ވަނަ އަހަރު 5 އެނދާއެކުގައެވެ. ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި މި ހިދުމަތް ވަރަށް ބޮޑަށް ކުރިއަރާފައިވެއެވެ. މާލެ ސަރަހައްދުގައި މިހާރު ޖުމްލަ 40 އެނދު ހިމެނޭ އެންއައިސީޔޫތައް ހުރިއިރު، އައިޖީއެމްއެޗްގައި 18 އެނދާއި، ހުޅުމާލޭ ހޮސްޕިޓަލުގައި 14 އެނދާއި އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އެންއައިސީޔޫގައި 10 އެނދު ހިމެނެއެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، އަހަރަކު ގާތްގަނޑަކަށް 1000 އެއްހާ ނާޒުކު ޙާލަތުގައި ތިބޭ ކުދިން އެންއައިސީޔޫގައި ފަރުވާ ހޯދައެވެ. މި ކުރިއެރުންތަކުގެ ސަބަބުން މިފަދަ ކުދިންގެ ދިރިހުރުމުގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ސީއީއޯ ވިދާޅުވިއެވެ.

ނަމަވެސް މިހާރު ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުވެފައިވީ ނަމަވެސް، މިދާއިރާއިން ހާއްސަ ސްޕެޝަލައިޒްޑް ޑޮކްޓަރުންނާއި ނަރުހުން ނެތުމަކީ ބޮޑު ގޮންޖެހުމެއްކަމަށް ސީއީއޯ ފާހަގަކުރެއްވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް