ads
މީޑިއާ ކޮންޓްރޯލް ކުރާ ބިލާއި ދެކޮޅަށް ނޫސްވެރިން މުޒާހަރާކުރަނީ ފޮޓޯ: މިލްޒީރޯ ނިޝާން
މީޑިއާ ބިލް: ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު ނޭޅޭ، ގޮތަށް ބިލު ބަދަލުކުރަނީ
ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލްގައި އޮތް މާއްދާ އުނިކުރުން ހިމެނޭ ގޮތުން، އެ ބިލަށް ގިނަ ބަދަލުތަކެއް ގެންނަން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލީހަށް އިސްލާހުތަކެއް އިއްޔެ ހުށަހަޅުއްވައިފި އެވެ.
Advertisement

ސަރުކާރާ ގުޅުން ބޮޑު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލުގައި ނޫސްވެރިން ކޮންޓްރޯލް ކުރެވޭ ގޮތަށް އޮތް ކަމަށް ބުނެ، ނޫސްވެރިންނާއި މީޑިއާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެ ބިލް ބޭރުކޮށްލުމަށް ރާއްޖެއާއި ބޭރުގެ ޖުމްލަ 21 ޖަމިއްޔާ އަކުންވެސް ވަނީ ގޮވާލާފަ އެވެ.

ނަމަވެސް ބިލު ބޭރުކުރުމުގެ ވިސްނުމާއި ދުރަށް ވާހަކަ ދައްކަވަމުން ގެންދަވާ އޭޖީ އުޝާމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީޑިއާ ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން، އިދާރީ ފިޔަވަޅެއްގެ ގޮތުން މީޑިއާއެއްގެ ރަޖިސްޓަރީ ވަގުތީ ގޮތުން ބާތިލް ކުރުމަށް އެ ކޮމިޝަނަށް ބާރު ލިބޭ ގޮތަށް ބިލްގައި ބަޔާން ކޮށްފައިވާ މާއްދާ ވެސް އުނިކުރަން ސަރުކާރުން ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ކަމަށެވެ. 

އެ ބިލަށް އިތުރަށް ހުށަހެޅި ކަމަށް އޭޖީ އޮފީހުން ބުނާ އިސްލާހުތަކުގެ ލިސްޓުގައި ހިމެނޭ އަނެއް ކަމަކީ ބިލުގެ 67 ވަނަ މާއްދާގެ ދަށުން ވަކިވަކި ނޫސްވެެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް އޮތް ބައި އުނިކުރުމެވެ.

އެ ކަންކަމުގެ އިތުރުން ބަންޑާރަނައިބުގެ އޮފީހުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އިތުރުކުރުމާއި މީޑިއާގެ ސުލޫކީ ހަމަތައް ހަރުކަށި ކުރުމާއި ތެދު ހާމަ ކުރުމުގެ ޒިންމާއަށް މިންގަނޑުތަކެއް އިތުރު ކުރުން އަދި މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ ބައެއްކަމުގައި ހަމަޖެއްސުމަށް މާއްދާއެއް އިތުރު ކުރުމެވެ.

އަދި ކޮމިޝަނުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮމިޝަނުގެ ލަފައާއެކު ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކޮމިޝަނަށް ވަކި މިންވަރެއް ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށ މާއްދާއެއް ހިމެނުމަށް ވެސް ބަންޑާރަނައިބުގެ އޮފީހުން ވަނީ ހުށަހަޅައިފަ އެވެ.

މިހާރު ހުށަހަޅާފައި އޮތް މީޑިއާ ބިލު ފާސްކޮށް ބިލު ތަސްދީގުކޮށްފިނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެ ވެއެވެ.

މީގެ އިތުރުން، އެ ބިލުގެ ދަށުން އުފައްދާ މީޑިއާ ރެގިއުލޭޓަރީ ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް އެއްކޮށް ބަލައި ނުނިމެނީސް މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް ނޫސްތައް ހުއްޓުވާލުމުގެ ބާރު ވެސް އާ ގާނޫނާ އެކު އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ. އަދި، އެ ކޮމިޝަނަށް ތިން މެންބަރުން އައްޔަން ކޮށް, ކޮމިޝަންގެ ރައީސް ކަނޑައެޅުމުގެ ބާރު ދީފައިވަނީ ވެސް ރައީސްޖުމްހޫރިއްޔާއަށެވެ.

ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ އަމިއްލަ ގޮތުން މަޖިލީހުގައި އިންނެވި ނަމަވެސް ސަރުކާރަށް ތާއީދުކޮށްގެން އިންނެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުއްހަންނާން އަބޫބަކުރެވެ. މިއީ ހަންނާން މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވި ދެވަނަ ފަހަރެވެ. ކުރީ ފަހަރު ބިލު ގެންދިޔައީ ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށެވެ.

ދެވަނަ ފަހަރު ހަންނާން އެ ބިލު ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ވެސް އެހީތެރިކަމާ އެކު ބިލަށް މަދު ބަދަލުތަކެއް ގެނައުމަށް ފަހުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް