ރާއްޖޭގެ ސްކޫލްތަކުގައި ގްރޭޑް 11 އިން މަތީގެ ދަރިވަރުންނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ މިހާރުވެސް އޮވެއެވެވެ. އެހެންނަމަވެސް އެއަށްވުރެ ދަށް ގްރޭޑްތަކަށް އެ ހުއްދައެއް ނޯވެއެވެ.
އަންނަ 2027 ވަނަ އަހަރުގެ ދިރާސީ އަހަރާއި އެކު ސްކޫލްތަކުގެ ޔުނީފޯމާއި އެކްޓިވިޓީ ޔުނިފޯމަށް ބަދަލު ގެންނަން ނިންމާ ޔުނީފޯމް ހުންނާނެ ގޮތުގެ ނަމޫނާ މިހާރު ވަނީ ސްކޫލްތަކަށް ފޮނުވާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލި އުސޫލޫގައި ވަނީ މި ބަދަލާއި އެކު ގްރޭޑް 9 އަކުން މަތީގެ ދަރިވަރުންނަަށް ތުނބުލި މަތިމަސް ބެހެއްޓުމަށް ހުއްދަދީފައެވެ. އެހެންނަމަވެސް ތުނބުޅި މަތިމަސް ބަހައްޓާ ކުދިން ހުންނަންވާނީ އެއްވަރަށް ކުރުކޮށް ކޮށާފައެވެ.
މީގެއިތުރުން ފިރިހެން ދަރިވަރުންގެ ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ ކުރުކޮށް ކޮށާފައިެވެ. ބޮލުގައި ކުލަޖައްސައި ހައިލައިޓުކުރުމާއި ހަށިގަނޑުގެ އެއްވެސް ތަނެއްގައި ޓެޓޫ ޖެހުމަކީ ވެސް މަނާ ކަމެކެވެ. މީ މިހާރުވެސް އަމަލުކުރަމުން އަންނަ އުސޫލެވެ.
ޔުނީފޯމްގެ ނަމޫނާ ހިމަނާ ސަރުކާރު ސްކޫލްތަކަށް މިނިސްޓްރީން ފޮނުވި ސާކިއުލާގައި ބުނީ ޔުނީފޯމަށް ބަދަލު ގެންނަން ނިންމީ، ސްކޫލްތަކުގެ އިސް ވެރިންނާ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
ފައުންޑޭޝަން އަދި ކީ ސްޓޭޖް 1 އަދި 2ގެ ދަރިވަރުންގެ ބެޖު ހުންނަން ޖެހޭނީ ޔުނީފޯމުގެ ޖީބުގައި ހަރުކޮށްފައެވެ. ކީ ސްޓޭޖް 3 އަދި 4ގެ ދަރިވަރުން ޔުނީފޯމާއެކު ޓައި އަޅާނީ ސްކޫލުން ބޭނުންވާ ނަމައެވެ. ނަމަވެސް ކީ ސްޓޭޖް 5ގެ ދަރިވަރުންނަށް ޓައި އަކީ ޔުނީފޯމުގެ ބައެކެވެ.
މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މި ބަދަލާއި އެކު ޔުނީފޯމްގެ ގަމީހުގެ ކުލައަކީ ހުދު ނޫނީ މަޑު ފެހި ނޫނީ މަޑު ރަތް ކުލަ މިތަނުން ކޮންމެ ކުލަޔަކަށްވެސް ެއެ ސްކޫލަކަށް ބަދަލުކުރެވިދާނެކަމަށެވެ. އެހެންނަމަވެސް ފަޓުލޫނު ނުވަތަ ޔުނީފޯމްގެ ތިރީ ބައި ހުންނަން ޖެހޭނީ ކަޅު ނުވަތަ ކަޅު ނޫ ކުލައިގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޔުނީފޯމަށް އަންނަ ބަދަލުތަކާއި އެކު ދަރިވަރުން ޔުނީފޯމް އެޅުމުގައި އެކުއްޖަކަށް ފަސޭހަ ގޮތްތަކެއް އިހްތިޔާރު ކުރެވޭނެކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ. އެގޮތުން ބެގީ ކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތާއި ސްކާޓު ލާން ބޭނުންވާ ކުދިންނަށް އެ ޖާގަ ވެސް ދެން ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޔުނީފޯމަށް އަންނަ ބަދަލާއި އެކު އެކްޓީވިޓީ ޔުނީފޯމްވެސް ތައްވެސް ބަދަލުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.