ރާއްޖޭގެ ބާޒާރުގައި ތަރުކާރީގެ ބާވަތްތަކުގެ އަގު އުފުލިފައިވާތީ އެތަކެތި އެސްޓީއޯ މެދުވެރިކޮށް އެތެރެކުރަން ސަރުކާރުން އިއްޔެ ވަނީ ނިންމާފައެވެ. އެގޮތުން ތަރުކާރީ އާއި މޭވާ އަދި އެހެން ބައެއް ތަކެތި ހިމެނޭހެން 23 ބާވަތެއް ރާއްޖެ އެތެރެކުރަން އެސްޓީއޯއާ ވަނީ ހަވާލުކޮށްފައެވެ.
މި ނިންމުމާއި ގުޅިގެން މައުލޫމާތު ދޭން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މޭވާ އާއި ތަރުކާރީ ލިބޭނީ އަގު ހެޔޮކޮށް ކަމަށެވެ.
ސައީދު ވިދާޅުވީ މިހާރު ރާއްޖެ ގެންނަން އެސްޓީއޯއާ ހަވާލުކޮށްފައިވާ 23 ބާވަތުގެ ތެރެއިން އެއްވެސް ބާވަތެއްގެ ތަކެތި އަންނަމަހުގެ 15ގެ ކުރިން އަގު އުފުލިއްޖެނަމަ އެ ބާވަތެއް އެސްޓީއޯއިން ވަގުތުން އެތެރެކުރާނެކަމަށެވެ.