ads
ރައީސް ބ. ދޮންފަނު ކައުންސިލާ ބައްދަލުކުރައްވަނީ. - ފޮޓޯ/ރައީސް އޮފީސް
ދޮންފަނުގެ ފަރުގައި ޑައިވްކުރުން މަނާކުރުން އެލްޖީއޭ އިން ބާތިލްކޮށްފި
ބ. ދޮންފަނުގެ ބިން ހިއްކުމަށް ސަރުކާރަށް ގޮވާލައި، ސިލްސިލާ މުޒާހާރާތަކެއް ކަނޑުމަތީގައި ކުރަން, ރަށުގެ ފަރުގައި ޑައިވް ކުރުން ރަށު ކައުންސިލުން މަނާކުރުމަށް ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި އެލްޖީއއޭ އިން އެ ނިންމުން މިރޭ ބާތިލްކޮށްފި އެވެ
Advertisement

ފާހަގަކުރެވޭ ގޮތުގައި ދޮންފަނު ހިއްކުމަށް އެމްޓީސީސީއަށް ހަވާލުކުރުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެރަށް ނުހިއްކުމަށް ނިންމަވައިފަ އެވެ. އެއީ، އެކަން ކޮށްފިނަމަ އެ ރަށް ކައިރި އޮންނަ, ގުދުރަތީ ގޮތުން ވަރަށް މުއްސަނދި, އަދި ޓޫރިސްޓުންގެ ވަރަށް މަގުބޫލު މަންޒިލެއް ކަމަށްވާ, ހަނިފަރު ބޭއަށް ލިބޭނެ ގެއްލުންތަކާ ގުޅިގެން އެތައް ހާސް ބަޔަކު ކަންބޮޑުވުން ފާޅު ކުރުމާ ގުޅިގެންނެވެ.

އެ ނިންމެވުމާ ގުޅިގެން ނުރުހުން ފާޅުކޮށް އެރަށު ރައްޔިތުން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

މިއަދު ދޮންފަނު ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ އެ ކައުންސިލްގެ އިހުތިސާސުގައި ހިމެނޭ ކަނޑުގެ ބައި ކަމަށްވާ، ރަށު ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ކަނޑުމަތީގައި ސިލްސިލާ މުޒާހަރާތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ.

މިކަމާގުޅިގެން އެލްޖީއޭއިން ދެންމެ ނެރުނު ނޫސްބަޔާނުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރި ކުރަންޖެހޭ ތަންތަން ފިޔަވައި، އެހެނިހެން ސަރަޙައްދުތައް ވަކި ކައުންސިލެއްގެ އިހުތިސާސްކަމުގައި ކަނޑައެޅިފައިވިޔަސް، އެތަންތަނުގައި ގާނޫނަކުން މަނާކަމެއް ކަމުގައި ކަނޑައަޅާފައިނުވާ ކަންކަން އިތުރު ހުއްދައަކާ ނުލައި ކުރުމުގެ ހައްގު ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަން ވަނީ ފާހަގަކުރައްވާފަ އެވެ.

ގާނޫނީ ހަމަތަކަށް ރިއާޔަތްކުރާއިރު، ބ. ދޮންފަނުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ފީނުމާއި ޑައިވްކުރުން ވަގުތީ ގޮތުން މަނާކޮށް ދޮންފަނު ކައުންސިލުން ނިންމާފައިވާ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއްކަމުގައި އެލްޖީއޭއިން ބުނެ އެވެ. 

"އަދި މިފަދަ ނިންމުންތައް ނިންމުމުގެ އިހުތިސާސް ކައުންސިލަށް ލިބިގެން ނުވާތީ، ކައުންސިލުން ނިންމާފައިވާ މި ނިންމުން ބާތިލް ކުރުމަށް އަންގަމެވެ،" ލޯކަލް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެލްޖީއޭ އިން ނެރުނު ބަޔާނުގައި ބުންޏެވެ.

ދޮންފަނު ކައުންސިލުގެ ނިންމުމާއި ގުޅިގެން ރާއްޖޭގެ ޓްރެވަލް އޭޖެންޓުންގެ އެސޯސިއޭޝަން (މަޓާޓޯ)އިން ވެސް މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިއަދު ނެރުނު ބަޔާނެއްގައި މަޓާޓޯއިން ބުނީ، ދޮންފަނު ކައުންސިލްގެ މި ނިންމުން އައިސްފައިވަނީ ޔުނެސްކޯއިން ބައޯސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރު ބޭ އާއި ވަށައިގެންވާ ފަޅުފަޅުގެ ގުދުރަތީ ސިފަތަކަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބަރޯސާވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

މަޓާޓޯއިން ބުނީ، ދޮންފަނުގެ ފަރުގައި ޑައިވްކުރުން އެ ރަށު ކައުންސިލުން މަނާކުރަން ނިންމުމުގެ ސަބަބުން ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ދިވެހީންގެ ދިރިއުޅުމަށް ބުރޫއެރުމަށް މަގުފަހިވުމުގެ އިތުރުން، ފަތުރުވެރިންގެ މެދުގައި ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމި އޮތުމަށް ވެސް އެކަމުގެ ސަބަބުން ބުރޫއަރާނެ ކަމަށެވެ.

ހަމަ އެއާއެކު، ގެސްޓްހައުސާއި ސަފާރީއާއި ރިސޯޓު އޮޕަރޭޓްކުރާ އެތަކެއް ވިޔަފާރިއެއް ހިމެނޭހެން، މި ފަރުފަޅުން ލިބޭ ފައިދާއަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ބަރޯސާވާކަން މަޓާޓޯއިން ފާހަގަކުރިއެވެ.

ދޮންފަނުގެ ބިން ހިއްކުމުގެ މައްސަލައަށް އަލިއަޅުވާލައި މަޓާޓޯއިން ބުނީ، ބ. އަތޮޅުގެ ފަރުފަޅުގައި ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ސަބަބުން އެ މާހައުލު ހަލާކުވެގެން ދިއުމުގެ ނުރައްކާ އެބައޮތް ކަމަށާއި، އެ ލިބޭ ގެއްލުމަކީ ފޫނުބެއްދޭނެ ގެއްލުމެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް