މޭޔަރު އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީގެ ކުރިން މާލެ ސިޓީ ކައުންސިލުން ދެމުން ދިޔަ ހިދުމަތްތައް މާލޭގެ އެކި އިމާރާތްތަކުން ދޭން ޖެހުމުގެ ސަބަބުން ރައްޔިތުން އުފުލަމުން ދިޔަ ތަކްލީފްތަކަށް ނިމުމެއް ގެނައުމަށް ކުރެވުނު ބުރަ މަސައްކަތުގެ ތެރެއިން، އެންމެ ބޮޑު އެއް އަމާޒަކަށްވީ މާލެ ސިޓީ ކައުންސިލްގެ ހުރިހާ ޙިދުމަތެއް އެއްތަންކުރުންކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ދެމުން އައި ހިދުމަތްތައް މިހާތަނަށް ދެމުން އައީ މާލޭ އެކި ސަރަހައްދުގައި ހުންނަ ކައުންސިލްގެ އެކި އޮފީސްތަކުންނެވެ. އެހެންނަމަވެސް ބޮޑުތަކުރުފާނު މަގުގައި ހުންނަ ކައުންސިލްގެ އިމާރާތަށް ކައުންސިލުން ދެމުން އަންނަ ހުރިހާ ހިދުމަތްތަކެއް ވަނީ ބަދަލުކޮށްފައެވެ. އަދި ކައުންސިލްގެ ހިދުމަތް ހޯދުމަށް 1622 ގެ ގޮތުގައި ގުޅޭނެ ނަމްބަރެއްވެސް ވަނީ ތައާރަފުކޮށްފައެވެ.