
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ގައުމީ ތަރިކައިގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ، އިސްލާމްދީނާއި، ދިވެހި ބަހާއި، ދިވެހިވަންތަ ރީތި އާދަކާދަތަކާއި، ދިވެހި މަސައްކަތްތެރިކަމާއި، އާސާރީ ތަންތަނާއި ތަކެއްޗާއި، މާޒީގެ ފަހުރުވެރި ތާރީހަކީ ދިވެހި ގައުމީ ތަރިކައިގެ އެންމެ އަގުހުރި ހަޒާނާތައް ކަމަށެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ދިވެހިންގެ ތަރިކަ ހިމާޔަތް ކުރެއްވުމަށް ހާއްސަ އިސްކަމެއް ވަނީ ދެއްވާފަ އެވެ.
އެގޮތުން ތަރިކަ ހިމާޔަތްކޮށް ބެލެހެއްޓުމުގެ އިތުރުން އެއަށް ހައްގު އިއްޒަތްދީ، ތަރިކަ ބެލެހެއްޓުމުގެ މަސައްކަތަށް ފަންޑުކުރެވޭނެ ގޮތްތަކެއް މަގުފަހިކުރުމުގެ ޕްލޭންތަކެއް ސަރުކާރުން މިހާރު ދަނީ އެކުލަވާލަމުންނެވެ.
މީގެ އިތުރުން ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް 40 ސްކޮލަޝިޕްގެ ފުރުސަތު ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ބުނީ މިފަދަ ފުރުސަތެއް ހުޅުވާލުމުގެ މަގުސަދަކީ ދިވެހި ތަރިކައިގެ އިލްމު އުފައްދައި، ގާބިލު ތަރިކަވެރީންތަކެއް އުފެއްދުންކަމަށެވެ.