
އެޗްޑީސީން ނެރުން ޕްރެސް ރިލީޒް އެއްގައި ބުނެފައިވަނީ މި ހަރަކާތް ހިންގަން ނިންމާފައިވަނީ ސެޕްޓެމްބަރު 20 ވަނަ ދުވަހު ފާހަގަކުރާ ވޯލްޑް ކްލީން އަޕް ޑޭ އާއި ގުޅިގެން ކަމަށެވެ.
ހުޅުމާލޭގެ ރީތި ގޮނޑުދޮށްތަކަށް އެޅިފައިވާ ކުނި ނަގައި، މޫދު ސާފުކޮށް ބޭއްވުމާއެކު، މޫދުގެ ދިރުންތައް ރައްކާތެރި ކުރުމަށް ކުރިއަށްގެންދެވޭ ހަރަކާތެއް ވެސް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
މި ޕްރޮގުރާމުގެ މަގްސަދަކީ، ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން، ހުޅުމާލޭގެ މޫދު ސާފުކޮށް ބޭއްވުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި މަހުގެ 20 ވަނަ ދުވަހު ކުރިއަށްގެންދާ މި ހަރަކާތް ފަށާނީ އެ ދުވަހުގެ ހެނދުނު، ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގެ ބީޗް ގުޅޭ ބްރިޖު ސަރަހައްދުންކަމަށާއި ހުޅުމާލޭގެ ގޮނޑުދޮށާއި، ހޭޅިފަށުގެ އިތުރުން މޫދުވެސް ސާފުކުރުމަށް ވަނީ ހަމަޖެހިފަ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި ހަރަކާތާ ގުޅުވައިގެން، ތިމާވަށްޓައް މީހުން ހޭލުންތެރި ކުރުމަށް ކުރިއަށްގެންދާ "މަންސަ" ޕްރޮގުރާމް އެ ދުވަހުގެ ރޭގަނޑު އޮންނާނެކަމަށާއި މި ހަރަކާތުގައި އެކިއެކި އެންޖީއޯތަކާއި، މިނިސްޓްރީތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެރިވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ހުޅުމާލޭގެ މާހައުލަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑިސީން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި މުސްތަގުބަލުގައިވެސް އާންމުންގެ ލާބައާއި މަންފާއަށް އަދި ވަކިން ހާއްސަކޮށް ސާފުކުރުމުގެ ރީތި އާދަ އާލާކުރުމަށާއި ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް މިދަފަ ގިނަ ޕްރޮގުރާމުތަކެއް ކުރިއަށްގެންދިއުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.