
މިއަދު އޭ ލެވެލްގެ ކިޔެވުން ފެށުމާއި ގުޅިގެން ވަހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަތީސާނަވީގެ މުހިންމުކަން ދަރިވަރުންނާއި ބެލެނިވެރިންނަށް ބުނެދީ، އެކަމަށް ސަރުކާރުން ގިނަ ފުރުސަތަކެއް ފަހިކޮށްދެމުން ދާނެ ކަމަށާއި މިއަހަރުގެ ދިރާސީ އަހަރު މަތީ ސާނަވީއަށް ވަން ދަރިވަރުންގެ އަދަދާއެކު ފެންނަނީ، ސަރުކާރުގެ ސިޔާސަތު ހާސިލްވަމުންދާ ތަންކަމަށެވެ.
މިފަހަރު އިތުރު 13 ސްކޫލްގައި އޭލެވެލްއަށް ކިޔަވަން ފަށާފައިވާ ކަމަށާއި މިހާރު ރާއްޖޭގަ އޭލެވަލްއަށް ކިޔަވަދޭ 66 އެއްހާ ސްކޫލް އެބަހުރި ކަމަށް ފާހަގަ ކުރަމުން ވަޒީރު ވިދާޅުވީ ކުރިން އާންމުން ދެކެމުން އައީ އޭލެވެލްއަކީ އެހާ މުހިންމުކަމެއް ނޫންކަމަށާއި އެކަމަކު މިހާރު ވިސްނުން ބަދަލުވެއްޖެކަމަށެވެ.
ޝަފީއު އިތުރަށް ވިދާޅުވީ މަތީ ސާނަވީ މުހިންމުވަނީ އެކަޑެމިކް ކިޔެވުމަށް އެކަނި ނޫންކަމަށާއި މި އޭލެވެލްގެ ސަބަބުން ކުދިން ވަޒީފާގެ މާހައުލަށް ތައްޔާރުކޮށްދީ މުއާމަލާތްކުރުމުގެ ހުނަރުތައް ތަރައްގީކޮށްދިނުމުގެ އިތުރުން އާއްމު ދިރިއުޅުމަށް ކުދިން ވަރަށް ބޮޑަށް ތައްޔާރުކޮށްދޭނެ ކަމަށެވެ.
ސަރުކާރުން ނިންމާފަވަނީ ދެ ޕާތްވޭއަކަށް މަތީ ސާނަވީގެ މަރުހަލާތައް ގެންދިއުމަށްކަމަށާއި އެގޮތުން އެކަޑެމިކް ޕާތްވޭގެ އިތުރުން، ވޮކޭޝަނަލް ތައުލީމުގެ މަރުހަލާއެއްވެސް އޭގަ ހިމެނޭނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މި މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ޝަފީއު ވަނީ، މަތީ ސާނަވީގެ ދިރާސީ އާ އަހަރަކީ ދަރިވަރުންނަށް ކާމިޔާބު އަހަރަކަށް އެދިވަޑައިގެންފައެވެ. އަދި ދިރިއުޅުމުގައި ކާމިޔާބު ކުދިންތަކަކަށްވުމުގެ ޢަޒުމުގައި ކިޔެވުމަށް އިލްތިމާސްކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ ކިޔެވުމުގެ ކަންކަމަށް މަގުފަހިކޮށްދީ، މި ދާއިރާ ފުޅާކުރުމުގައި ސަރުކާރުން ދެމިތިއްބަވާނެކަމަށެވެ.