
އެމްޑީޕީން ދަރުބާރުގޭ ދޮށަށް އެއްވެފައިވަނީ އެ ޕާޓީން ތަކުރާރުކޮށް ހައުސިން މިނިސްޓަރާއި ބައްދަލުކުރަމަށް އެދެމުން އައި ނަމަވެސް އަދިވެސް ބައްދަލުވާނެ ފުރުސަތު ނުދެއްވާތީ ކަމަށާއި މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރަން އެދޭތާ 3 މަސް ވެފައިވާ އިރުވެސް އަދިވެސް އެކަމަށް އެދެ ވޭ ޖަވާބެއް ލިބިފައި ނުވާތީ ކަމަށް އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް ގެ ފަރާތުން ބުނެ އެވެ.
ޕީޖީ ގްރޫޕްގެ ފަރާތުން މިނިސްޓަރާއި ބައްދަލުކުރަން ބޭނުން ވެފައި ވަނީ ރައްޔިތުންގެ ބޯހިޔަވަހިކަމާއި ގޯތި ދޫކުރުމާއި ފްލެޓް ތަކާއި އަދި ބިންހިކުން ފަދަ ކަންކަމުގެ އިތުރުން ދާއިރާގެ ރައްޔިތުންނައް ކުރިމަތިވެފައިވާ އެހެންނިހެން ވެސް މައްސަލަތަކާއި ބެހޭ ގޮތުން ސުވާލުކޮށް އެ މިނިސްޓްރީ ޖަވާބު ދާރީ ކުރުވުމަށް ކަމަށް ޕީޖީ ގްރޫޕުން ބުނެ އެވެ.
އެތަށް ބައިވަރު ނައިބުންނަކާއި ޑިރެކްޓަރުން އަދި ސީނިއާރް ޑިރެކްޓަރުން ތަކެއް ތިބި ތަނެއްގައި އާންމުން ރައްޔިތުންގެ އާދޭހަށް ޖަވާބު ދެވޭނެ ފެންވަރު އެއްވެސް ބޭފުޅަކު ނެތް ކަމަށް އެ އިދާރާއިން ބުނުމަކީ ވަރަށް ދެރަ މައްސަލަ އެއްކަމަށް ފާހަގަ ކުރަމުން އެމްޑީޕީ ޕީޖީ ގްރޫޕުން ބުނީ އާންމުން ރައްޔިތުންވެސް ހައުސިން މިނިސްޓްރީއަށް 3 މަސް 4 މަސް ކުރިން ލާފައި ހުރި ސިޓީތަކަށް ޖަވާބު ނުލިބިގެން މިހާރު އެ މިނިސްޓްރީ ތެރޭގައި އެބަތިބި ކަމަށެވެ.
އެމްޑީޕީން ބުނީ އޮކްޓޫބަރު 3 ވަނަ ދުވަހު އެ ޕާޓީން ބާއްވާ ރެލީގައި ގިނަ ފަރާތަކުން ބައިވެރިވެ މި ސަރުކާރު ހަމަ މަގަށް އަޅުވަން މަސައްކަތް ކުރަން އެބަ ޖެހޭ ކަމަށާއި މި ފަދަ ސަރުކާރެއް މާ ގިނަ ދުވަހު އޮންނަން ވެއްޖެ ނަމަ ރައްޔިތުން ދެން ޖެހޭނީ މަގު މައްޗަށް ނިކުމެ ސަލާން ޖަހަން ކަމަށެވެ.