
މި މަހުގެ ހަތް ވަނަ ދުވަހު އެ ފުރުސަތު ހުޅުވާލި ފަހުން މިހާތަނަށް 588 ފަރާތަކުން ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.
އެފްޑީސީން ބުނީ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ދާނީ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ސެކިއުރިޓީ ޑިޕޮސިޓް ދައްކާ ފަރާތްތަކަށް ކަމަށެވެ. އެގޮތުން، އެންމެ ފުރަތަމަ ހަވާލުކުރާނީ ހުޅުމާލެ ފޭސް 2 ގަ އިމާރާތްކޮށްފައިވާ "އަމާން އުދަރެސް" ގެ 14 ވަނަ ޓަވަރުގެ ތަޅުދަނޑިތަކެވެ. ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން ފޮނުވާ ލިސްޓުތަކަށް ބަލައި، ފައިސާ ދައްކާ ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރުން ކުރިއަށްދާނެއެވެ.
އިންޑިއާގެ ދެ ކުންފުންޏަކުން އިމާރާތްކޮށްފައިވާ މި ފްލެޓްތަކުގެ ތެރޭގައި ދެ ކޮޓަރީގެ އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓް ހިމެނެއެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 7،000 ރުފިޔާ އަދި މެއިންޓެނަންސް ފީއަކީ 1،000 ރުފިޔާއެވެ. އެފަދަ އެޕާޓްމަންޓަކަށް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 15،000 ރުފިޔާ ދައްކަން ޖެހެއެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ މަހު ކުލި 9،500 ރުފިޔާއަށް ހަމަޖައްސާފައިވާއިރު، މެއިންޓެނަންސް ފީއަކީ 1،500 ރުފިޔާ އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 25،000 ރުފިޔާ ދައްކަންޖެހެއެވެ.