
ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ފޯރަމެއްގައި، ގިނަ އަދަދެއްގެ ނޫސްވެރިން ހިމެނޭހެން އާންމުން ވެސް ވަނީ މި ހަރާކާތުގައި ބައިވެރިވެ ބިލާ ގުޅޭގޮތުން ހިޔާލު ބަދަލުކޮށްފަ އެވެ.
މި ފޯރަމްގައި ގާނޫނީ ދާއިރާގެ މީހުންނާއި ނޫސްވެރިން އަދި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ޒުވާނުން ވަނީ މި ބިލުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، ތަފާތު އެކި ޝުއޫރުތައް ފާޅުކޮށްފަ އެވެ. އަދި އާންމުން ވެސް މި ބިލުގައި ހުރި ބައެއް މާއްދާތަކާއި ގުޅޭގޮތުން ގާނޫނީ ދާއިރާގެ މީހުންނާއި ސުވާލުކޮށްފައިވެ އެވެ.
އެ ފޯރަމްގައި ވާހަކަދައްކަވަމުން ކުރީގެ ބަންޑާރަނައިބު ޑރ. އަހްމަދު އަލީ ސަވާދު ވިދާޅުވީ، ބޭރުފުށުން މި ބިލަކީ ރަނގަޅު ނިޔަތެއްގައި ހުށަހެޅި ބިލެއްގެ ގޮތުގައި ފެނުނު ނަމަވެސް، ބިލު ރަނގަޅަށް ކިޔައިލުމުން ބިލުގެ އަސްލު މަގްސަދު ހާމަވާ ކަމަށެވެ.
ސަވާދު ވިދާޅުވީ، ގާނޫނުއަސާސީގައި ޒާތީ ދިރިއުޅުމުގެ ހިމާޔަތުގެ ހައްގާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ނަމާއި އަބުރުގެ ހައްގު ބަޔާންކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއްވެސް ހައްގެއް އުނިކުރާ ނަމަ އެ ހައްގުތައް އުނިކުރާ ހަމަ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެ ފޯރަމްގައި ވާހަކަ ދެއްކެވި ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ވެސް ވިދާޅުވީ، މި ބިލުން ސޯޝަލް މީޑިޔާގައި އާންމުން ފާޅުކުރާ ހިޔާލެއް ނުހިމެނޭ ކަމަށް ސަރުކާރުގެ ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދެވިޔަސް، ބިލުގައި އެކަމާ ގުޅޭ މާއްދާތައް އިބާރާތްކޮށްފައި އޮތީ، އިންޓަނެޓުގެ ޒަރިއްޔާއިން މައުލޫމާތު ފެތުރުން ވެސް ރެގިއުލޭޓު ކުރެވޭ ގޮތަށް ކަމަށެވެ
މީގެއިތުރުން މި ފޯރަމްގައި ވެސް ވަނީ ރައްޔިތުންގެ މަޖިލީހުން މި ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާ ގޮވާލުން ތަކުރާރުކޮށްފަ އެވެ. މީޑިއާ ބިލު ބޭރުކޮށްލަން އެެދި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.