
ރައީސް އޮފީހުން ބުނީ، މާދަމާ އޮންނަ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިރޭ ރައީސް ފުރާވަޑައިގެންފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ރައީސް ތަގުރީރު ކުރައްވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. އަދި އެ މަނިކުފާނު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަކީ، ރާއްޖެއިން ގަތަރާއި ފަލަސްތީނުގެ ރައްޔިތުންނާއެކި ދެމިއޮތްކަން ދައްކުވައިދޭ ކަމެއް ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.
މީގެ އިތުރުން، އިސްރާއީލުން ހިންގާ ޖަރީމާތައް ހުއްޓުވަން ބައިނަލްއަގުވާމީ ފިޔަވަޅު އެޅުން އަވަސްކުރަން ރާއްޖެއިން އަނެއްކާވެސް ގޮވާލާ ކަމަށް އެ އޮފީހުން ބުންޏެވެ.
ރައީސް ފުރާވަޑައިގެންފައި މިވަނީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖާމައަތުން ގަތަރުގައި ބޭނުންކުރާ އިމާރާތަކަށް އިޒުރޭލުން ހަމަލާދީފައިވާތީ އަރަބި އަދި އިސްލާމީ ގައުމުތަކުން އިޒުރޭލުގެ ހަމަލާ ކުށްވެރިކުރަމުންދާ ވަގުތެއްގަ އެވެ.