
ދައުރުން ބޭރުން މިއަދު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަލާހު މިހެން ވިދާޅުވީ ސަރުކާރުން ހުށަހެޅި ރައްޔިތުންގެ އާންމު ހިޔާލު ހޯދުމުގެ ވޯޓާއި ގުޅޭ ބިލަށް ބަހުސް ކުރައްވަމުންނެވެ. ރިޔާސީ ދައުރު ދިގުދަންމާލަން ވޯޓު ނެގުމުގެ ފުރުސަތު އެ ބިލުން ލިބެ އެވެ.
ނަމަވެސް، ފަލާހު ވިދާޅުވީ މި ސަރުކާރުން އެކަން ކުރަން ނޫޅޭ ކަމަށާއި ވޯޓަށް އަހާނީ މި ހިނގާ ރިޔާސީ ދައުރާއި މަޖިލީހުގެ މި ދައުރު ކުރުކޮށްލާ، ދެ އިންތިހާބު އެކީގައި ބޭއްވުމަށް ކަމަށެވެ.
ފަލާހު ވިދާޅުވީ އެ ބިލު އޮތްގޮތުން، ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބުގެ މަރުހަލާ މިހާރަށް ވުރެ ކުރުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ހަރަދުކުޑަވާނެ ކަމެއް ކަމަށެވެ.
މިހާރު އޮތް މަޖިލީހުގެ ފަސް އަހަރުގެ ދައުރުން ހަ މަސް އުނިވާނެ ކަމަށް ފަލާހު ވިދާޅުވި ނަމަވެސް، އެއީ މީގެ ކުރިން ސަރުކާރުން ނުވަތަ ބަންޑާރަނައިބު އޮފީހުން ހާމަކުރި މައުލޫމާތެއް ނޫނެވެ. އެހެންކަމުން، މިކަމުގެ ރައީސް މުއިއްޒު ސަރުކާރުގެ ރަސްމީ ނިންމުން އަދި ސާފެއް ނޫނެވެ.
އޭނާ މިހެން ވިދާޅުވި ނަމަވެސް ދައުރު ދިގު ދަންމާލުމުގެ ވާހަކަތައް ޕީއެންސީގެ ތެރޭގައި ދެކެވެމުންދާ ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތެރުނެވެ. އެކަމަށް ޕީއެންސީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން ވެސް ތާއީދުކޮށްފައިވެ އެވެ.
އެގޮތަށް ވާހަކަދެއްކެވި އެއް މެންބަރަކީ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) އެވެ.
"މެންދުރު ޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޖަނާބު ވިދާޅުވީ، ރާއްޖޭގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ސަރުކާރަކުން ކިތަންމެ ހަރުދަނާކަމެއް ކުރިޔަސް ދެން އަންނަ ސަރުކާރުތަކުން އެކަން ނުކޮށް ބާއްވާ ކަމަށެވެ.
އެހެންވެ، ރިޔާސީ ދައުރު ފަސް އަހަރަށްވުރެ ދިގުކުރުމަކީ ތާއީދުކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނުއަސާސީގައި ބުނާ ގޮތުން ރިޔާސީ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި، އެ މުއްދަތަށް ބަދަލެއް ގެންނަ ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ އެވެ. ރައްޔިތުންގެ މަޖިލީހަކަށް ވެސް އެ ނިންމުމެއް ނުނިންމޭނެ އެވެ.