
އައިއެމްއެފް އިން ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަރިވެފައިވާ ގޮންޖެހުނަތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރަށް 28.9 މިލިއަން ޑޮލަރު ގެ އެހީ ދިނުމަށް ނިންމާފަ އެވެ. އެގޮތުން މި ފައިސާ މިހާރު އެމްއެމްއޭއަށް ޖަމާވެފައި ވާކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
އައިއެމްއެފް އިން ރާއްޖެއަށް ފައިސާގެ އެހީ ދިނުމަށް ނިންމާ ނެރުނު ބަޔާނުގައި އެ އިދާރާ އިން ވަނީ ކޮވިޑް-19 އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފް ކޮށްފަ އެވެ. އަދި މިދަނޑިވަޅުގައި ދިމާވާނެ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ކުރިޔާލައި ދިވެހި ސަރުކާރުން މަސައްކަތް ކުރަން ފަށާފައިވާކަމަށް ވެސް އައިއެމްއެފް އިން ވަނީ ފާހަގަ ކޮށްފަ އެވެ.
މީގެ އިތުރުން، އައިއެމްއެފް އިން ވަނީ ބައިނަލްއަގްވަމީ އެހީ ދޭ އެހެން ޖަމާއަތްތައް މެދުވެރިކޮށް ރާއްޖެއަށް އިތުރު ފައިސާގެ އެހީ ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށް ވެސް ބުނެފަ އެވެ.
އެމްއެމްއޭ އިން ވަނީ އިންޑިއާ އިން ރާއްޖެއަށް ދޭން އެއްބަސްވެފައިވާ 150 މިލިއަން ޑޮލަރުގެ އެހީ ވެސް މިހާރު އެ އިދާރާއަށް ލިބިފައިކަމަށް ބުނެފަ އެވެ.
އިންޑިއާއިން ރާއްޖެއަށް ދޭ 150 މިލިއަން ޑޮލަރުގެ އެހީއަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ދޭ ފައިސާ އެވެ.
މި ފެސިލިޓީ އެކްޓިވޭޓްކޮށް ރާއްޖެއަށް ފައިސާ ފޯރުކޮށްދީފައި މިވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ދިމާވާ މާލީ ދަތިތަކާއި މެދު ރައިސޫލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއާ ދެމެދު މަޝްވަރާ ކުރެވުނުތާ ހަފްތާއެއްގެ ތެރޭގަ އެވެ.
އިންޑިއާއާއެކު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސް ވުމަކީ 2018 ވަނަ އަހަރު ރައީސް ސޯލިހް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި 1.4 ބިލިއަން ޑޮލަރުގެ އިގްތިސާދީ ޕެކޭޖުގެ ތެރޭގައި ހިމެނޭ ބައެކެވެ.
އެމްއެމްއޭ އަށް ލިބުނު މި ފަައިސާގެ ސަބަބުން މިވަގުތު ރާއްޖެއަށް ބޭނުންވާ ޒަރޫރީ ތަކެތި އިމްޕޯޓް ކުރުމަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށް ދޭން ފަސޭހަ ވާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ. އެގޮތުން މިވަގުތު އިމްޕޯޓް ކުރަން ބޭނުންވާ ކާބޯތަކެއްޗާއި ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެތި އިމްޕޯޓު ކުރުމަށް ބޭނުންވާ ފައިސާ ފޯރުކޮށްދެވޭނެ ކަމަށް އެމްއެމްއޭ އިން ފާހަގަ ކުރެ އެވެ.
އޭގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރުތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި ވަގުތުން ވަގުތަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ.
މާޗް މަސް ނިމުނު އިރު ރާއްޖޭގެ ޑޮލަރު ރިޒާވުގައި ހުރީ 741.4 މިލިއަން ޑޮލަރެވެ. އެހެން ނަމަވެސް މިހާރު މި ޖަމާވި ފައިސާއާއެކު މިހާރު ޑޮލަރު ރިޒާވްގެ އަދަދު ވަނީ 882.6 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ މާލީ ގޮންޖެހުންތަކަށް އަރައިގަތުމަށް ބޭނުންވާ ފައިސާ އެހީ ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ބައިނަލްއަގްވަމީ ގިނަ އިދާރާ ތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އެހީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިހާތަނަށް އައިއެމްއެފް އަދި އިންޑިއާގެ އިތުރުން، ވޯލްޑް ބޭންކް، ޔޫރަޕިއަން ޔޫނިއަން އަދި އޯގަނައިޒޭޝަން ފޮ ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް އިން ވެސް ވަނީ ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމާފަ އެވެ.