މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލު ދިރާސާކުރުމަށްފަހު ހުށަހެޅި އިސްލާހުތަކާއެކުގަ އެވެ.
އޭގެ ތެރޭގައި، އާންމު ވޯޓު ނެގުމަށް މަޖިލީހަށް ލާޒިމުވާ ހާލަތްތަކުގައި އެ ވޯޓު ނެގުމަށް ކަނޑައަޅާނީ ޖަލްސާއަށް ހާޒިރުވާ މެންބަރުންގެ އަގުޣުލަބިއްޔަތުން ފާސްކުރާ ގަރާރަކުން ކަމަށް މީގެ ކުރިން އޮތް އޮތުން ބަދަލުކުރުން ހިމެނެއެވެ. އެގޮތުން، މިހާރު ބިލުގައި އޮންނާނީ، ގަރާރު ފާސްކުރާނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ.
އަދި، ލޯކަލް ކައުންސިލްތައް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ކަރުދާސް ބަހާ ގޮތް ހެދުމާއި، ރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތްވާ އާންމުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީޚާއި ވޯޓު ނަގާ ތާރީހާ ދެމެދު 45 ދުވަހަށްވުރެ ކުރު މުއްދަތެއް ކަނޑައެޅުމުގެ އިހުތިޔާރު އެ ކޮމިޝަނަށް ދޭ ގޮތަށް އިސްލާހުކުރުން ވެސް ހިމެނެ އެވެ.
އަދި އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނުން އިންތިހާބަށް ހަރަދުވާނެ ފައިސާގެ އަދަދު ކަނޑައަޅައި އެކަން މާލީ ވުޒާރާއަށް ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި އެ ފައިސާ ހަމަޖައްސަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފަ އެވެ.
އެ ބިލުގައި ވަނީ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކުރާ ހާލަތުގައި، އެ ބިލަކަށް ރުހުން އޮތްތޯ ބެލުމަށް ވެސް އާއްމު ވޯޓެއް ނެގޭނެ ކަމަށް ބަޔާންކޮށްފަ އެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 64 މެންބަރުންގެ ވޯޓުންނެވެ.