
ހަވީރު ނޫހާއި ސަން އޮންލައިންގެ އެޑިޓަރުކަން ކުރިން ކުރައްވާފައިވާ ހިރިގާ މިއަދު އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ އެޑިޓަރުންގެ ޖަމިއްޔާގެ ހިންގާ ކޮމެޓީގެ ގިނަ މެންބަރުން ތިއްބެވީ މި ސަރުކާރުގެ އިސް މަގާމުތަކުގައި ކަމަށްވާއިރު އެ ޖަމިއްޔާ ޕެރަލައިޒްވެފައިވާތީ ކަމަށެވެ.
ހިރިގާ ވިދާޅުވީ، ނޫސްވެރިންނާއި މުޅި މީޑިއާއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި އެޑިޓާސް ގިލްޑުން އެކަމާ ދެކޮޅަށް އެއްޗެކޭ ނުބުނެ އޮތުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
ޒާހިރު ވަނީ ނޫސްވެރިކަން ކުރިއަރުވައި، ނޫސްވެރިން ތަރައްގީ ކުރެއްވުމަށް މަސައްކަތްކުރައްވައިފަ އެވެ. އެގޮތުން، 2006 ވަނަ އަހަރު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ނަމުގައި ނޫސްވެރިންގެ ޖަމިއްޔާއެއް ޒާހިރު އިސްކޮށް ހުންނަވައި އުފެއްދެވި އެވެ. އެ ޖަމިއްޔާގެ ރައީސްކަން ވެސް ޒާހިރު ކުރެއްވި އެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަން ވެސް ކުރެއްވި އެވެ.
ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ އިނާމް ހާސިލު ކުރައްވާފައިވާ ޒާހިރަށް މީޑިއާ ކައުންސިލުންދޭ އަލިމަސް ގަލަން ވެސް ވަނީ ލިބިވަޑައިގެންފަ އެވެ.
މިނިވަން ނޫސްވެރިކަމާއި މީޑިއާތަކަށް ސަރުކާރުން ނުފޫޒު ފޯރުވޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް އެންމެ ގަދަޔަށް މަސައްކަތް ކުރައްވާ އެއް ބޭފުޅަކީ ހިރިގާ އެވެ. މީޑިއާ ބިލު ބޭރުކޮށްލަން އެެދި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލު ދިރާސާކުރަމުން އަންނައިރު ނޫސްވެރިން ވަނީ އެ ކޮމިޓީއަށް ހާޒިރުވެ ބިލު ބޭރުކޮށްލަން އެދިފަ އެވެ. ނަމަވެސް ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން ބޭނުންވަނީ އެ ބިލު މަޖިލީހުން ފާސްކުރަން ކަމަށް މައުލޫމާތު ލިބެ އެވެ. އެގޮތުން ޕީއެންސީގެ މަޖިލިސް މެންބަރުން ދަނީ ސޯޝަލް މީޑިއާގައި އެ ބިލު ފާސްކުރަން ގޮވާލަމުންނެވެ.