
ބާ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މީޑިއާތައް ރެގިއުލޭޓުކުރާ ބިލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް އެ ކައުންސިލުގެ ހިޔާލު ހުށަހަޅާފައިވާ ކަމަށެވެ.
ބާ ކައުންސިލުން ވަނީ އެ ބިލު ގާނޫނަކަށް ހެދުމުގެ ކުރިން، މަޖިލީހުން މަސްލަހަތު އޮތް މީހުންނާ މަޝްވަރާކޮށް އާންމުންގެ ހިޔާލު ހޯދުމަށް އެކަށީގެންވާ ވަގުތު ދިނުމަށް ވެސް ގޮވާލައިފަ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި އެ ބިލު މަޖިލީހަށް ހުށަހެޅީ ސަރުކާރަށް އެއްބާރުލުންދޭ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. މި ބިލު ފާސްކުރަން ދައުރުން ބޭރު ޖަލްސާއެއް މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ބިލު ފާސްކުރީ ނޫސްވެރިން ނުވައްދައި ހަވީރު ބޭއްވި ބައްދަލުވުމެއްގަ އެވެ. ބިލު ފާސްކުރީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
މި ބިލަށް ބަންޑާރަ ނައިބުގެ އޮފީހުން ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވެ އެވެ. އޭގެތެރޭގައި ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުމުގެ އިސްލާހު ހިމެނެ އެވެ. އެ އިސްލާހުތަކާ މެދު ކޮމިޓީން ގޮތް ނިންމި ބައްދަލުވުން ކުރިން ސިއްރުކޮށްފައި ވާތީ އޭގެ ތެރެއިން ބިލުގައި ހިމަނަން ނިންމީ ކޮންކޮން އިސްލާހުތަކެއް ކަމެއް ނޭނގެ އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާ ބިލް ފާސްކުރީ، ބިލް ބޭރުކުރުމަށް ގޮވާލައި 151 ނޫސްވެރިންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ. މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަނާއި މީޑިއާ ކައުންސިލް، އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބޭރުގެ ޖަމިއްޔާތަކުން ވެސް ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާތަކުން ވަނީ މިއީ މިނިވަން ނޫސްވެރިކަން "ނެތިކޮށްލާނެ ބިލެއް"ގެ ގޮތުގައި ސިފަކޮށްފަ އެވެ.
ނޫސްވެރިންނާއި މީޑިއާތައް އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ކަންބޮޑުުވުންތައް ހުއްޓަސް، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގެ ވިސްނުމަކީ އެ ބިލު ފާސްކުރުމެވެ. އެކަމަށް ބާރު ދިނުމަށް، ސަރުކާރަށް ތާއީދުކުރާ މީހުން ވެސް ސޯޝަލް މީޑިއާގައި އަންނަނީ ކެމްޕެއިން ކުރަމުންނެވެ.