
މަޖިލީހުގެ ރައީސް ޕާކިސްތާނުގެ އިސްލާމްއާބާދަށް ކުރައްވާ މި ދަތުރުފުޅަކީ ރަސްމީ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މަޖިލިހުގެ އިދާރާއިން ބުނީ, މި މަހުގެ 16 އިން 20 ގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި މަޖިލިހުގެ ރައީސްގެ އަރިހުގައި ހަތަރު މެންބަރަކު ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އެ މެންބަރުންނަކީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި, މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް އަދި ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދުގެ އިތުރުން ހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޛީމް އެވެ.
މި ދަތުރުފުޅުގެ ތެރެއިން މަޖިލިހުގެ ރައީސް އަބްދުއްރަހީމް, ޕާކިސްތާނުގެ ސަރުކާރުގެ ބައެއް އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މި ބައްދަލުކުރެއްވުންތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް މަޖިލިހުގެ އިދާރާއިން މައުލޫމާތު ދެއެވެ.