މި އިމާރާތަކީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި ސިފައިން ބިނާކޮށް، އެކި ދުވަސްވަރު އެކި ބޭނުންތަކަށް ބޭނުންކޮށްފައިވާ ތަނެކެވެ. އޭގެ ތެރޭގައި ޖަލެއްގެ ގޮތުގައި ބޭނުންކުރުން ވެސް ހިމެނެ އެވެ.
ކައުންސިލުން ބުނީ އާޓް ގެލެރީގެ ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު މަހުގެ 22 ވާ ހޯމަ ދުވަހުގެ 13:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ނަން ހުށަހެޅުމަށް ހާއްސަ ގޫގްލް ފޯމެއް ތައްޔާރުކޮށްފައިވާއިރު، ހުށަހަޅާ ނަންތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ނަމެއް ކައުންސިލްގެ ރަސްމީ ޖަލްސާއަކުން ފާސްކުރާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. މި ގެލެރީގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ "އައްޑޫގެ ތާރީހާއި ސަގާފަތް އަދި ގަދީމީ މަސައްކަތްތެރިކަމާއި އިގުތިސާދު" މި ޝިއާރުގެ ދަށުން ކުރެހުންތެރިން ހުށަހަޅާ ކުރެހުންތަކެވެ.
ބޮނޑޮގެއަކީ 1941 ވަނަ އަހަރު އިނގިރޭސިން ބިނާކުރި ތާރީހީ އިމާރާތެކެވެ. އެ އިމާރާތް ރޯޔަލް އެއާފޯސްގެ ގުދަނެއްގެ ގޮތުގަ އާއި ޖަލެއްގެ ގޮތުގައި ބޭނުންކުރުމަށްފަހު، "ވެންބޮޅަފުށި ސިނަމާ" ގެ ނަމުގައި ސިނަމާއެއް ވެސް ހިންގާފައިވެ އެވެ. 1994 ވަނަ އަހަރާ ހަމައަށް ހިނދީ ފިލްމު ދެއްކި މި ތަނަށް އާ ދިރުމެއް ދިނުމުގެ ގޮތުން އާޓް ގެލެރީއެއް ގާއިމުކުރަނީ އިމާރާތުގެ އަސްލަށް ބަދަލު ނުގެނެސް މަރާމާތު ކުރުމަށްފަހު އެވެ.