
ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު ހުށަހެޅުއްވި މި ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، މީޑިއާތަކުގައި ތަޅުއަޅުވައި އަޑު ކަނޑުވާލަން ސަރުކާރުން މަސައްކަތްކުރަނީ ޖަވާބުދާރީވާން ބޭނުން ނުވާތީ ކަމަށެވެ.
ޔާމީން ވިދާޅުވީ، މަޖިލިސް މެމްބަރުންނާއި ސަރުކާރަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބެއް ނުދެވޭ ކަމަށާއި، ކޮރަޕްޝަންގެ ތުހުމަތުތަކުން ދިފާއުވެވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އެގޮތުން މަޖިލިސް މެމްބަރުން އާންމުކޮށްފައިވާ މާލީ ބަޔާންތަކުގައި ވެސް ދެކޮޅު ނުޖެހޭ ހިސާބުތައް އެބަހުރި ކަމަށް ޔާމީން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ރައީސް ޔާމީން ވަނީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖެ ހަލާކުކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށާއި، އެއީ މަސްއޫލިއްޔަތު އަދާކުރުމުގައި އެންމެ ފަރުވާކުޑަ ބައެއް ކަމަށެވެ. އަދި މިހާރުގެ މެމްބަރުން މަސައްކަތްކުރަނީ ހަމައެކަނި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ ކަންކަން ކުރުމަށް ކަމަށާއި، އެހެންކަމުން އެ މެމްބަރުންނަށް ދެވަނަ ދައުރެއް ލިބިގެން ނުވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.