
ޓްރާންސްޕޯޓްސް މިނިސްޓަރު އަމީން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ފުވައްމުލަކު ސިޓީ އަށް ކުރައްވަމުން އަންނަ ދަތުރުގެ ތެރެއިން އެ ސިޓީގެ ކައުންސިލާއި ބައްދަލުކޮށް އެކި ކަންކަމާއި މެދު މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެ ގޮތުން ފުވައްމުލަކު އެއަރޕޯޓުގެ ހިދުމަތްތައް ފުޅާކުރުމުގެ އިތުރުން، އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ވާނީ މަޝްވަރާކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ޕޯސްޓުގައިވާ ގޮތުން މި މަސައްކަތްތަކަކީ ރައީސް މުއިއްޒު ކުރިއަށް ގެންދަވާ ރާއްޖޭގެ ދަތުރުފަތުރުގެ ވިއުގަ ހަރުދަނާކުރުމުގެ ތަސައްވުރުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތެއް ކަމަށެވެ.
މި ކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ދަތުރުފަތުރުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، މުޅި ސިޓީގެ ތަރައްގީއަށް މަގުފަހިވެގެންދާނެ ކަމަށް އަމީން ފާހަގަ ކުރެއްވި އެވެ.
ފުވައްމުލަކު އެއާޕޯޓް ތަރައްގީ ކުރުމަށް އެމްއޭސީއެލް އާއި އެކު ވެސް މިފަހުން ވަނީ މަޝްވަރާތަކެއްކޮށްފަ އެވެ.
މި ބައްދަލުވުމުގައި ފުވައްމުލައް އެއާޕޯޓްގައި ހިދުމަތްތައް ދިނުމުގައި ހުރި ދަތިތަކާ ވަސީލަތްތަކާއި އާލާތްތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަމަށާއި މިހާރުގެ ހާލަތު ރަނގަޅަށް ދެނެގަތުމަށް ދިރާސާއެއް ހެދުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަން އެ ކައުންސިލުން ބުނެފައިވެ އެވެ.
އެއާޕޯޓްގެ ހިދުމަތަށް ޒަމާނީ ބަދަލުތައް ގެނައުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައި ވާ ކަމަށް ކައުސިލުން ވަނީ ފާހަގަ ކޮށްފައި އެވެ.
2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ތަރައްގީ ކޮށް ހުޅުވުން މި އެއާޕޯޓްގައި މިހާރު ބޭނުންކުރަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ.
ފުވައްމުލައް އެއާޕޯޓަށް ބައެއް ބަދަލުތައް ގެނައުމާ، އިތުރު ތަރައްގީތައް ގެނައުމާ ގުޅޭގޮތުން މިދިޔަ އަހަރުވެސް ބައެއް ދިރާސާތައް ކުރިއަށްގެންދިޔަ އެވެ. އެގޮތުން ރަންވޭ ބޮޑުކުރުމުގެ ފުރުސަތު އޮތްތޯ ބެލުމާއި ޕެސެންޖާ ޓާމިނަލް އިތުރަށް ތަރައްގީކުރުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ދެނެގަތުމުގެ މަސައްކަތްތައް ކޮށްފަ ވެއެވެ.
އޭރު ކުރިއަށްގެންދިޔަ މަސައްކަތްތަކީ ޖެޓް ޖެއްސޭ ފެންވަރަށް އެއާޕޯޓް ތަރައްގީކުރުމާއި އެއާޕޯޓްގެ ރަންވޭ 1800 މީޓަރަށް ބޮޑުކުރުމުގެ ފުރުސަތު އޮތްތޯ ދެނެގަތުމުގެ ސާވޭއެކެވެ. އަދި ފަތުރުވެރިކަމަށް ހާއްސަ އޭރިއާއެއް ތަރައްގީކުރުމަށްވެސް މަޝްވަރާކޮށްފަ ވެއެވެ.