
މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދުގެ އަލީގައި، ޓޫރިޒަމް ސިނާއަތް އިތުރަށް ހަރުދަނާ ކުރުމެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖޭގެ ޓޫރިޒަމް މިހާރު އޮތް ހާލަތާއި، ކުރިމަގުގައި ދާއިރާއަށް އަންނާނެ ކަމަށް ބެލެވޭ ބަދަލުތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކުރައްވާފައެވެ. އަދި ޓޫރިޒަމް ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް، ކުރިއެރުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކަވާފައި ވެއެވެ. މިނިސްޓަރު މުޖުތަބާގެ ތަޖުރިބާގެ އަލީގައި، މިހާރުގެ ސިޔާސަތުތައް ރަނގަޅު ކުރެވިދާނެ ގޮތްތަކާމެދުވެސް މަޝްވަރާ ކުރެވުނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، މިފަދަ ބައްދަލުވުންތަކަކީ ދާއިރާގެ ކުރީގެ ތަޖުރިބާކާރުންނާއި މިހާރުގެ އިސްވެރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ގައުމީ މަސްލަހަތު އިސްކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. ދެ ބޭފުޅުން ވެސް ވަނީ ރާއްޖޭގެ ޓޫރިޒަމްގެ ކުރިމަގަށްޓަކައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ވިސްނުންތައް އެއްގޮތް ކުރެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ.