
އިއްޔެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ގެނައި ބައެއް އިސްލާހުތަކާއި ތަޅުމުގައި ގެނައި ހަތަރު އިސްލާހާ އެކު މީޑިއާ ކޮންޓްރޯލް ބިލު ތަޅުމުން ވެސް މިއަދު ވަނީ ފާސްކޮށްފަ އެވެ. ބިލު ފާސްކުރަން 60 މެންބަރުން ވޯޓުދެއްވިއިރު، ބިލާ ދެކޮޅަށް ވޯޓުދެއްވީ އެންމެ މެންބަރެކެވެ. އެއީ، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ.
މީޑިއާ ކޮންޓްރޯލް ކުރާ ބިލް ފާސްކުރަން ބޭއްވި ޖަލްސާ ފެށުމާއި އެކު އިދިކޮޅު މެމްބަރުން ވަނީ މަޖިލީހުގައި އިހްތިޖާޖުކުރަން ފަށާފަ އެވެ. އިދިކޮޅު މެމްބަރުން ބުނަމުން ގެންދިޔައީ ޖަލްސާ ބާއްވަން ގެންދަނީ ގަވައިދާ ހިލާފަށް ކަމަށެވެ. އެއާއިއެކު މަޖި ލީހުގެ ރިޔާސަތުން ވަނީ އެމްޑީޕީގެ ބައެއް މެމްބަރުން ގެ ނަން އިއްވާ މަޖިލީހުން ބޭރުކޮށްފަ އެވެ.
މީޑިއާ ކޮންޓްރޯލް ކުރާ ބިލް ދިރާސާކުރި ކޮމެޓީން ކޮމެޓީގެ ރިޕޯޓް ހުށައަޅާފައިވަނީ އިދިކޮޅު މެމްބަރުން އަޑުގަދަކުރަމުން ގެންދަނިކޮށެވެ. ކޮމެޓީގެ މުގައްރިރު ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން ރިޒާ އާދަމް ވަނީ ކޮމެޓީގެ ރިޕޯޓް ތަފްސީލަށް ނުގޮސް އަވަސް އަވަހަށް ކުރުކޮށް ނިންމާލާފަ އެވެ.
މީޑިއާ ބިލު ބޭރުކޮށްލަން އެެދި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ. ނަމަވެސް ޕެޓިޝަނުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުން ހައްލު ލިބޭ ކަމަށް ބުނެ ދޮގު ހަދައި އެ ޕެޓިޝަން ވެސް މިއަދު ވަނީ މަޖިލީހުން ބޭރުކޮށްލައިފަ އެވެ.
މުޅި ބިލުގެ ރޫހު ހުރީ މިނިވަން މީޑިއާ ނެތިކޮށްލުމަށް އަދި ސޯޝަލް މީޑިއާ އާއި އިންޓަނެޓު ކޮންޓްރޯލް ކުރަން ކަމަށްވާތީ، އެ ބިލު ވަގުތުން ބޭރު ކުރަން ވަރަށް ގިނަ ނޫސްވެރިންނާއި ބޭރުގެ ޖަމިއްޔާތަކުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ. އަދި ބިލާ ދެކޮޅަށް ޝުއޫރު ފާޅު ކުރުމަށް ނޫސްވެރިން ދަނީ ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންނެވެ.