
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމުގައި ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ބެންޗުގައި ކުރިން އިން، ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރުމުން، ބެންޗުގެ އެ ސްލޮޓަށް މިހާރުވަނީ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަން ކޮށްފައެވެ. ބެންޗުގައި ދެން ހިމެނެނީ އައިޝާ ޝުޖޫން އަދި ޑރ. މުހައްމަދު އިބްރާހީމްއެވެ. މިމައްސަލަ ހިންގަން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި އޮތީ މި މަހުގެ 29 ވަނަ ދުވަހުއެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ ޑިސެންބަރު 25، 2022 ގައެވެ.
އެ ހުކުމް ހައިކޯޓުން ބާތިލުކޮށް އަލުން ބަލަން އެންގިއިރު، އެ ކޭސްގެ އެއްބައި އޮތީ ސުޕްރީމް ކޯޓުގައެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރީ ދައުލަތުންނެވެ.