މި ބެޗުގައި ހިމެނޭ 340 ޒުވާނުން ވަނީ ތިން މަސް ދުވަހުގެ ތަމްރީނު ފުރިހަމަ ކުރުމަށް ޅ. މާފިލާފުއްޓަށް ދަތުރު ފަށާފައެވެ.
ޑިފެންސް މިނިސްޓްރީން ހިންގާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން ޖުމްލަ 1244 ޒުވާނުން ވަނީ ކުރިމަތިލާފައެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ސިއްހީގޮތުން ފިޓު ހުރިހާ ބައިވެރިންނަށް މި ތަމްރީނު ފުރިހަމަ ކުރުމުގެ ފުރުސަތު ފަހިކޮށްދޭނެއެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޅ. މާފިލާފުށީގައެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ގައުމަށް ލޯބިކުރާ، އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތާ، އަހުލާގު ރަނގަޅު އަދި ގައުމީ ކާރިސާތަކަށް ތައްޔާރުވެފައިވާ ޖީލެއް އުފެއްދުން ހިމެނެއެވެ.