
ލަންކާގެ ނޫސްވެރިން ވެސް ވަނީ ދިވެހި ނޫސްވެރިންނާ އެކު ތިބިކަން ހާމަކޮށް އެމްބަސީ ކުރިމަތީ "ކޮންޓްރޯލް ބިލް ބޭރުކުރަން" ލިޔެ ބެނާ ހިފައިގެން ތިބެ އަޑު އުފުލާފަ އެވެ.
ލަންކާ ނޫސްވެރިން ވެސް ބުނަމުން ދިޔައީ އިއްޔެ މަޖިލީހުން ފާސްކުރި ބިލުގެ ސަބަބުން ދިވެހި ނޫސްވެރިކަމުގެ މިނިވަންކަން ފަހަތައް ޖެހޭނެ ކަމަށާއި ގެނެސް ދޭ ހަބަރަކުން މީޑިއާ ހައުސްތައް ޖޫރިމަނާ ކުރެވިގެންދާނަމަ އެކަމުގެ ގެއްލުން ކުރާނީ ދިވެހިރައްޔިތުންނަށް ކަމަށެވެ.
އެއްވުމުގައި ހުރި ލަންކާގެ ނޫސްވެރިޔާ އަރޫޝާ ފެނާންޑޯ ބުނީ އިއްޔެ ރާއްޖޭގައި ފާސްކުރި ބިލުން ރާއްޖޭގެ ސަރުކާރުތަކުން ހިންގާފަ ހުރި ވައްކަމާއި ކޮރަޕްޝަނުގެ ވާހަކަތަކުގެ މައުލޫމާތު ހޯދުމާއި ރިޕޯޓް ކުރުމުގައި ދިވެހި ނޫސްވެރިންނަށް މިހާރަށް ވުރެ ބޮޑަށް އުނދަގޫ ވެގެން ދާނެ ކަމަށެވެ. އަދި އެދުމަކީ ރައީސް މުއިއްޒު އެ ބިލު އަނބުރާ ފޮނުވައިލުން ކަމަށެވެ.
އެ އެއްވުމުގައި ގާތްގަނޑަކަށް 20 ނޫސްވެރިއަކު ބައިވެރިވި މި ސުލްހަވެރި އިހުތިޖާޖު ލަންކާގެ ގިނަ ނޫސް އެޖެންސީތަކުން ވަނީ މިއަދު ކަވަރުކޮށްފަ އެވެ.
މުއިއްޒުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކުން ނޫސްވެރިކަން އަދި އިންޓަނެޓުގައި ފާޅު ކުރާ ހިޔާލު ރެގިއުލޭޓް ކުރެވޭ ގޮތަށް އިއްޔެ ބިލު ފާސް ކުރުމާއެކު ސަރުކާރަށް ދަނީ ވަރަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވަމުންނެވެ. އެ ބިލު ތަސްދީގު ނުކުރުމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓް (ސީޕީޖޭ) އިން ވެސް ވަނީ މިއަދު ގޮވާލައިފަ އެވެ.
މީޑިއާ ބިލް: ލަންކާގައި ހުންނަ ދިވެހިއެމްބަސީ ކައިރީ ލަންކާގެ ނޫސްވެރިން އިހުތިޖާޖުކުރުން
މީޑިއާތައް ކޮންޓްރޯލު ކުރާ ބިލާ ދެކޮޅަށް އިއްޔެ ދިވެހި ނޫސްވެރިންނާއި އާންމުން އަދި އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ މަޖިލިސް ކުރާ ގޭ ދޮށުގައި އަޑު އުފުލައިފަ އެވެ.
މުޅި ބިލުގެ ރޫހު ހުރީ މިނިވަން މީޑިއާ ނެތިކޮށްލުމަށް އަދި ސޯޝަލް މީޑިއާ އާއި އިންޓަނެޓު ކޮންޓްރޯލް ކުރަން ކަމަށްވާތީ، އެ ބިލު ވަގުތުން ބޭރު ކުރަން ވަރަށް ގިނަ ނޫސްވެރިންނާއި ބޭރުގެ ޖަމިއްޔާތަކުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.
ބިލު ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ. މީގެ ކުރިން ސަރުކާރުން ބުނަމުންދިޔައީ އެ ބިލަކީ ސަރުކާރުގެ އެއްވެސް ދައުރެއް އޮތް ބިލެއް ނޫން ކަމަށެވެ.
ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް 60 މެމްބަރުންގެ ވޯޓާ އެކު، މަޖިލިހުގެ މި ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި އެ ބިލް ފާސްކުރީ އިއްޔެގަ އެވެ. އަދި އެ ބިލް ތަސްދީގުކުރާ ދުވަހުން ފެށިގެން އެމްއެމްސީ އަދި ބްރޯޑްކޮމް އުވާލައި، މީޑިއާ ކޮމިޝަންގެ ނަމުގައި ވަކި އިދާރާއެއް އުފައްދަންޖެހެ އެވެ.