
ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ސިއްހީ ހިދުމަތުގެ ފެންވަރު މަތިކޮށް، ހިދުމަތްތައް ފުޅާކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށާއި، މިކަން ކުރިއަށް ގެންދިއުމަށް މުވައްޒަފުންގެ އަދަދު އިތުރުކުރުން މުހިންމު ކަމަށެވެ. މީގެ އިތުރުން، ސިއްހީ ހިދުމަތުގެ މައިގަނޑު އަސާސަކަށް ވާންވާނީ އަބަދުވެސް ބަލިމީހާގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި، މި ސަރުކާރުން ހަވާލުވުމަށް ފަހު ވޭތުވެދިޔަ މުއްދަތުގައި ރާއްޖޭގެ އެކި ރަށްރަށަށް 400އަށް ވުރެ ގިނަ ސިއްހީ މުވައްޒަފުން ވަނީ ހޯދާފައެވެ. އަދި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް 500 އަށް ވުރެ ގިނަ މުވައްޒަފުން ހޯދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ނާޒިމް ވިދާޅުވިއެވެ. އޭގެ ތެރޭގައި ސިއްހީ ހިދުމަތްދިނުމަށް ބޭނުންވާ ގަވާއިދުތަކާއި އުސޫލުތައް ހެދުމާއި، ތަންފީޒުކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންފްރާސްޓްރަކްޗަރު ރަނގަޅުކުރުމުގެ ގޮތުން ވެސް ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން މަސައްކަތް ކުރަމުން އަންނަ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލް ފަދަ ތަންތަނުގެ އިންފްރާސްޓްރަކްޗަރު ހިމެނެއެވެ. ސިއްހީ ދާއިރާގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލްގެ ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ވެސް ހިމެނޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.